ކުރިއަށް އޮތް 2026 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހީންނަށް 1،000 ޑޮލަރު ދޫކުރަން ފެށޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރިޔާސީ ބަޔާން އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓާގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ 2026ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި ކްރެޑިޓް ކާޑު ލިމިޓްތައް 1400 ޑޮލަރަށް ބޮޑުކޮށްދެވޭނެ ކަމަށެވެ.
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ގާނޫނު ތަންފީޒުވަމުން އަންނަވަރަކަށް ޑޮލަރު ރޭޓަށް ލުއިތައް ލިބެން ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ޤާނޫނު ތަންފީޒުކުރެވިގެންދާ ނިސްބަތުން ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު މަތިވެ، އާމްދަނީ އިތުރުވެގެންދާނެކަމުގައި އެ މަނިކުފާނު ވިދާޅުވި އެވެ.
މި ޤާނޫނު އެކަށީގެންވާ ގޮތުގައި ހިންގުމަށްޓަކައި، ޓޫރިސްޓް ރިސޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސިޓީ ހޮޓާތަކުގެ އިތުރުން ޑޮލަރު މާރުކުރަން ލާޒިމްކުރާ އެންމެހައި ވިޔަފާރިތަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ރައީސް ވިދާޅުވި އެވެ.
އަދި މި ޤާނޫނުގެ ސަބަބުން ބޭރު ފައިސާއާ ގުޅޭ ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާވެ، ފަތުރުވެރިކަމުގެ ދާއިރާއާއި އެހެނިހެން ބޭރު ފައިސާ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ މިންވަރު އިތުރުވެގެންދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، މި އިޤްތިޞާދީ ކުރިއެރުމާއެކު، ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމާއި ބޭރު ފައިސާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމަކީ ދައުލަތާއި ރައްޔިތުންގެ މަސްލަހަތުގައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އަދި ޤައުމުގެ އިޤްތިޞާދީ ހާލަތަށް ބަލާއިރު، 2024 އާ އަޅާބަލާއިރު މި އަހަރު އިޤްތިސޯދީ ދުވެލި އިތުރުވެ، 6.4 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ފާއިތުވި އަހަރު ދައުލަތުގެ ރަސްމީ ރިޒާވް އިތުރުވެ، 2024 ވަނަ އަހަރު ނިމުނުއިރު 673.2 މިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވާކަމާއި، މިއީ 2023 ގައި ހުރި 590.5 މިލިއަން ޑޮލަރަށްވުރެ 14 އިންސައްތަ އިތުރު އަދަދެއްކަން ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ ޑޮލަރު ކަޅު ބާޒާރު ނައްތާލައި، ރާއްޖޭގެ ވިޔަފާރިތަކާއި އާއްމުންގެ ބޭނުންތަކަށް އިތުރު ޑޮލަރު ފޯރުކޮށްދިނުމަށް އެމްއެމްއޭ އިން ގާނޫނެއް ހަދައި ބޭންކިން ނިޒާމަށް ޑޮލަރު މާރު ކުރަން ފެށީ މިދިޔަ އޮކްޓޫބަރު މަހު އެވެ. އެ ގަވާއިދަށް އަމަލުކުރަން ފެށީ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެނެވެ.
މި ގަވައިދުގެ ދަށުން މިދިޔަ އަހަރުގެ ފަހު ތިން މަހު އައި ޓޫރިސްޓުންގެ ބޮލަކަށް ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އެ ގަވައިދުގައިވާ ގޮތުން ރިސޯޓުތަކުން މާރުކުރަން ޖެހޭނީ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރެވެ. އަދި ގެސްޓްހައުސްތަކުން ބޭންކްތަކަށް މާރު ކުރަން ޖެހޭނީ އަންނަ ޓޫރިސްޓުންގެ ބަލަކަށް 25 ޑޮލަރެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނުގެ ދަށުން ޖެނުއަރީ މަހުން ފެށިގެން ޑޮލަރު މާރުކުރުމުގައި "ކެޓެގަރީ އޭ" ގައި ހިމެނޭ ރިސޯޓްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުން ނުވަތަ ކޮންމެ މަސް ދުވަހެއްގެ ޖުމްލަ އާމްދަނީގެ 20 ޕަސެންޓަށްވާ ޑޮލަރު މާރުކުރުމުގެ އިހުތިޔާރު ދީފައިވެ އެވެ.
"ކެޓެގަރީ ބީ" ގެ ދަށުން ގެސްޓް ހައުސްތަކުން، ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން ނުވަތަ މަސްދުވަހުގެ ތެރޭގައި އެ ފަރާތަކަށް ލިބޭ އާމްދަނީގެ 20 ޕަސެންޓް ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ގާނޫނުގައި ކަނޑައަޅާފައިވެ އެވެ.