ފުރާވަރަށް އަޅަން ތައްޔާރު ވެފައިވާ ކުދިންގެ މައިންބަފައިން ފޯނު ބޭނުންކުރުމުގެ އާދަތައް ބަހައްޓާ ގޮތުގެ ސަބަބުން އެ ކުދިންނަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ބީއެމްސީ ޕީޑިއަޓްރިކްސް ޖާނަލްގައި ޝާއިއު ކޮށްފައިވާ އެ ދިރާސާގައި ބުނެފައިވަނީ ގިނަ ވަގުތު ފޯނާއެކު ހޭދަކުރާ މައިންބަފައިންގެ ދަރިން އޮންލައިންކޮށް އުމުރާ ނުގުޅޭ ކަންތައްތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އުމުރުން 12-13 އަހަރާ ދެމެދުގެ 10،000 ކުދިންނާއި އެ ކުދިންގެ މައިންބަފައިން ހިމަނައިގެން ކުރެވުނު އެ ދިރާސާގައި ދަރިންނަށާއި މައިންބަފައިންނަށް ތަފާތު ސުވާލުތަކެއް ކުރެވުނެވެ.

އެގޮތުން ގިނަ ވަގުތު ފޯނުގައި ހޭދަކުރާ ކަމަށް ބުނި މައިންބަފައިންގެ ދަރިން އިންޓަނެޓު މެދުވެރިކޮށް އުމުރާ ނުގުޅޭ ފިލްމުތަކާއި ގޭމުތައް ކުޅުން އިތުރު ކަމަށް އެ ދިރާސާއިން އެނގިފައިވެ އެވެ.

އެ ދިރާސާގައި ހަރަކާތްތެރިވި ދިރާސާވެރިން ބުނި ގޮތުގައި އެ އުމުރަކީ އެންމެ ކުޑަކުދިންގެ އުމުރަށް ނުވާއިރު އެއީ އަމިއްލަ ޒިންމާ ނެގޭވަރުގެ ފުރާވަރު ކުދިންނެއް ވެސް ނޫނެވެ.

އެހެން ކަމުން މި އުމުރުފުރާގެ ކުދިންނަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ކުދިން ހުށައެޅޭ ކަންކަމަށް ފަރުވާތެރި ވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސައިންސްވެރިން ބުނެ އެވެ.