އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދިން ހަމަލާތަކާއި ދެކޮޅަށް ހުކުމް ކުރި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމަވައިފި އެވެ.
ރައީސް ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު މިކަމާއި ގުޅިގެން އެގްޒެކްޓިވް އޯޑަރެއް ނެރުއްވާފަ އެވެ.
ސަބަބެއްގެ ގޮތުގައި ވިދާޅުވީ އެ ކޯޓުން އެމެރިކާ އަދި އެގައުމުގެ ގާތް އެކުވެރި އިޒްރޭލަށް އަމާޒުކޮށް ނުޙައްޤު އަދި އަސާސެއް ނެތް ޢަމަލުތަކެއް ހިންގާކަމަށް ކުރެވޭ ތުހުމަތުތަކެވެ.
މި ފިޔަވަޅުގެ ދަށުން، އައިސީސީ އިން އެމެރިކާގެ ރައްޔިތުންނާއި އެކުވެރިންނާ ދެކޮޅަށް ކުރާ ތަޙުޤީޤުތަކަށް އެހީތެރިވާ ފަރުދުންނާއި އެމީހުންގެ ޢާއިލާތަކަށް މާލީ ދަތިކުރުމާއި އެކި ގައުމުތަކަށް ދަތުރުކުރުމުގައި ވިސާ ނުލިބޭނެ ގޮތަށް ވަނީ ކަނޑައަޅާފަ އެވެ.
ޓްރަމްޕް މި ފިޔަވަޅުގައި ސޮއިކުރެއްވީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވޮޝިންގްޓަނަށް ކުރި ޒިޔާރަތްތަށް ފަހުގަ އެވެ.
ފާއިތުވި ނޮވެމްބަރު މަހު، އައިސީސީ އިން ވަނީ ޣައްޒާގެ ހަނގުރާމައިގެ ކުށްތަކަކާ ގުޅިގެން ނަތަންޔާހޫއާ ދެކޮޅަށް ހައްޔަރުކުރުމުގެ އަމުރެއް ނެރެފަ އެވެ. އެހެންނަމަވެސް އިޒްރޭލުން މި އަމުރުގައި ބުނާ ކަންކަންކަމަށް އިންކާރު ކުރެ އެވެ. އައިސީސީ އިން ވަނީ ހަމާސްގެ ކޮމާންޑަރަކާ ދެކޮޅަށްވެސް އަމުރު ނެރެފަ އެވެ.
ވައިޓް ހައުސްއިން ނެރުނު މެމޯއެއްގައި ވަނީ ހޭގްގައި ހުންނަ އައިސީސީ އިން އެއްފަހަރާ މި ވޮރަންޓްތައް ނެރުމުން ހަމާސްއާއި އިޒްރޭލާ އެއްވަރުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ޓްރަމްޕްގެ އެގްޒެކެޓިވް އޯޑަރުގައި ބުނެފައިވަނީ އައިސީސީގެ ޢަމަލުތަކުން "ނުރައްކާތެރި މިސާލެއް" ދައްކުވައިދީފައިވާ ކަމަށާއި، މިއީ އެމެރިކާގެ ރައްޔިތުންނަށް ފުރައްސާރައާއި އަނިޔާވެރިކަމާއި އަދި ހައްޔަރުކުރެވުމުގެ ނުރައްކަލަށް ހުށަހެޅޭ ކަމެއް ކަމަށެވެ.
"މި ނުބައި ޢަމަލުތަކުން އެމެރިކާގެ ސިޔާދަތަށް އަރައިގަތުމުގެ ބިރު އޮތުމާއެކު، އެމެރިކާ ސަރުކާރާއި އަޅުގަނޑުމެންގެ އެކުވެރިން، އޭގެ ތެރޭގައި އިޒްރޭލު ހިމެނޭގޮތަށް، ކުރަމުންދާ މުހިންމު ޤައުމީ ސަލާމަތާއި ޚާރިޖީ ސިޔާސަތުގެ މަސައްކަތްތަކަށް ހުރަސްއެޅެއެވެ" އެ އޯޑަރުގައި ބުނެފައިވެ އެވެ.
އެމެރިކާއަކީ އައިސީސީގެ މެމްބަރެއް ނޫނެވެ. އަދި އެމެރިކާގެ އޮފިޝަލުންނާއި ރައްޔިތުންގެ މައްޗަށް އެ ކޯޓުގެ އެއްވެސް އިޚްތިސާސެއް ނޯންނާނެ ކަމަށް އެމެރިކާއިން ބުނެ އެވެ.
ޓްރަމްޕްގެ ފުރަތަމަ ދައުރުގައި، އެމެރިކާގެ ބާރުތަކުން އަފްޣާނިސްތާނުގައި ހަނގުރާމައިގެ ކުށްތައް ހިންގާފައިވޭތޯ ތަހުގީގުކުރަމުންދިޔަ އައިސީސީގެ އޮފިޝަލުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވެ އެވެ. މި ފިޔަވަޅުތައް އުވާލެއްވީ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގަ އެވެ.
ފާއިތުވި މަހު، އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްއިން ވަނީ އައިސީސީ އަށް ފިޔަވަޅު އެޅުމަށް ވޯޓުދީފަ އެވެ. އެހެންނަމަވެސް މި ބިލު ސެނެޓުގައި ބާޠިލުވި އެވެ.
120 އަށްވުރެ ގިނަ ޤައުމުތަކަކީ މި ކޯޓުގެ މެމްބަރުންނެވެ. އޭގެ ތެރޭގައި ގިނަ ޔޫރަޕުގެ ޤައުމުތައް ހިމެނެ އެވެ. އެހެންނަމަވެސް އެމެރިކާއާއި އިޒްރޭލަކީ މެމްބަރުން ނޫނެވެ. އައިސީސީ އިން މައްސަލަތައް ބަލަނީ ޤައުމީ އިދާރާތަކަށް ދަޢުވާ ނުކުރެވޭ ނުވަތަ ދަޢުވާ ނުކުރާ ޙާލަތްތަކުގަ އެވެ.
ރައީސް ބައިޑެންގެ ދައުރުގެ އެންމެ ފަހު ހަފްތާތަކުގައި، ވަނީ ނަތަންޔާހޫއާ ދެކޮޅަށް އައިސީސީ އިން ނެރުނު އަމުރަށް ފާޑުވިދާޅުވެފަ އެވެ.
ޓްރަމްޕްގެއެންމެ ފަހުގެ އެގްޒެކެޓިވް އޯޑަރުގައި ސޮއިކުރައްވާފައި މިވަނީ އަންގާރަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާއިން "ޣައްޒާ ހިފައި" އެތަނުގައި ތިބި ފަލަސްޠީނު ރައްޔިތުން އެހެން ތަނަކަށް ބަދަލުކޮށް އެ ސަރަޙައްދު "މެޑިޓަރޭނިއަންގެ ރިވިއެރާއަކަށް" ބަދަލުކުރުމުގެ ޕްލޭނެއް އިޢުލާނުކުރެއްވުމަށްފަހު ގައެވެ.
ޢަރަބި ލީޑަރުންނާއި އދ އިން މި ޚިޔާލު ކުށްވެރިކޮށްފައިވާއިރު، ޓްރަމްޕް ވަނީ ބުރާސްފަތި ދުވަހު އޭނާގެ "ޓްރުތު ސޯޝަލް" ޕްލެޓްފޯމުގައި މި ވާހަކަ އަލުން ތަކުރާރުކޮށްފަ އެވެ.