ހަމައެކަނި އަމިއްލަ ފައިދާއަށްޓަކައި ބޮލީވުޑް ބޭނުން ކުރާތީ ކުރީގެ އެކްޓަރު އަދި އިންޑިއާގެ މަޖިލިސް މެމްބަރު ޖާޔާ ބައްޗަން އެގައުމުގެ ސަރުކާރަށް ފާޑު ކިޔައިފި އެވެ.

މިއަހަރުގެ ބަޖެޓު ފާސް ކުރަން އިންޑިއާގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޖާޔާ ބުނީ އިންޑިއާގެ ހުރިހާ ސަރުކާރަކުން ވެސް މުނިފޫހި ފިލުވުމުގެ ދާއިރާއަށް އިހުމާލު ވެފައިވާ ކަމަށާއި މިހާރު ބޮލީވުޑް އޮތީ ނޭވާ ހޮޅިއަށް އެޅިފައި ކަމަށެވެ.

"ކުރީގެ ސަރުކާރުތަކުން ވެސް އަމަލުކުރީ ހަމަ އެގޮތަށް. އެކަމަކު މިހާރު މިދަނީ މާ މައްޗަށް،" ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ޖާޔާ ބުންޏެވެ.

އެގޮތުން ސިންގަލް ސްކްރީން ސިނަމާތައް ބަންދު ކުރަމުން ދާތީ ފިލްމު އުފެއްދުމުގެ ހަރަދުތައް އިތުރުވެ އެ ދާއިރާގައި މަސައްކަތްކުރާ އާއްމު މުވައްޒަފުންނަށް ވެސް ނޭދެވޭ އަސަރު ކުރަމުން އަންނަ ކަމަށް ޖާޔާ ފާހަގަކުރި އެވެ.

މި ބީދައިން ޖާޔާ ވާހަކަ ދައްކާފައި މިވަނީ ބޮލީވުޑްއަކީ ބައިނަލްއަގްވާމީ ދާއިރާއަކަށް ހެދުމަށްޓަކައި ބޮޑުވަޒީރު ނަރެންދްރާ މޯދީ ދާއިރާގެ ބައެއް ފަރާތްތަކާ މަޝްވަރާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގަ އެވެ.

70ގެ އަހަރުތަކާއި 80ގެ އަހަރުތަކުގައި ބޮލީވުޑްގެ ފިލްމުތަކުން މަގްބޫލުކަން ހޯދި ޖާޔާ މިހާރު މަސައްކަތް ކުރަނީ އިންޑިއާގެ ސިޔާސީ ދާއިރާގަ އެވެ.