އިންސާނުން އެކަކު އަނެކަކަށް ހީލާފައި އިހްސާސްބުނެދޭ ފަދައިން، ގެންގުޅޭ ބުޅަލަށް އިންސާނާގެ ލޮލަށް ގެންނަ ހަރަކާތަކުން ހަމަ އެ އިހުސާސް ބުނެދެވޭކަން ދިރާސާއަކުން ދައްކައިފި އެވެ.
އޮޅުކޮށްގެން ގެންގުޅޭ އެހެން ޖަނަވާރުތަކާ ޚިލާފަށް ބުޅަލަކީ އެކަހެރިކޮށް މިނިވަންކޮށް އުޅެން ލޯބިކުރާ ޖަނަވާރެކެވެ. އޭތީގެ ގިނަ ވަގުތުތަށް ހޭދަކުރަނީ އެކަނިމާ އެކަންޏެވެ. ލޯބިން ގެންގުޅޭ ބުޅަލަށް ހީލައި މުއާމަލާތް ކުރަން ބޭނުންނުވާނީ ކާކުހެއްޔެވެ؟ އެކަމުގެ ހައްލު ދާދިފަހުން ސައިކޮލޮޖިސްޓުންތަކެއް ވަނީ ދެނެގަނެފަ އެވެ.
އިންސާނުންނާއި ބުޅަލުގެ ވާހަކަދެއްކުން ދެނެގަތުމަށް ދާދިފަހުން ސައިކޮލޮޖިސްޓުންތަކެއް ދެ ތަހުލީލެއް ހެދި އެވެ. ފުރަތަމަ ތަހުލީލުގައި 21 ބުޅަލާއި އެބުޅާ ގެންގުޅޭ 14 މީހުން ބޭނުންކުރި އެވެ. އެފަހަރު ބުޅަލުގެ ވެރިމީހާ ކައިރީގައި ބުޅަލަށް ބަލަހައްޓައިގެން ހުރެ ލޯ މަޑުމަޑުން ލައްޕާ ފިއްތާލަން އެންގިނެވެ. އެއަށްފަހު ބުޅަލާއި އެއްމީޓަރު ދުރުގައި ހުރުމަށް އެންގި އެވެ. މި ގްރޫޕުގެ ބުޅާތައް އެސޮރުމެންގެ ވެރިމީހާ އެގޮތަށް ހަރަކާތްކޮށްފައި ދުރަށް ޖެހިލުމުން އެސޮރުގެ ލޮލަށް އިތުރު ހަރަކާތް ގެނައުން ހުއްޓާލި އެވެ. އެއީ ވެރިމީހާ އެސޮރުމެނަށް ހިނިތުންވެލައިފައިވާކަން ދެނެގަނެވުމުންނެވެ. ވެރިމީހާ އެހެން ކަންތައްކުރުމުން ބުޅާތަކަށް ވެރިމީހާއާ ދޭތެރޭ ހިތްހަމަޖެހުނެވެ.
ދެވަނަ ތަހުލީލުގައި 24 ބުޅާ ބޭނުން ކުރި ވެ. މިފަހަރު ބުޅަލުގެ ވެރިންގެ ބަދަލުގައި ސައިކޮލޮޖިސްޓުން ބުޅަލުގެ ލޮލަށް ބަލަހައްޓައިގެން ހުރެ އެމީހުންގެ ލޮލަށް ހަރަކާތް ގެނަ އެވެ. މިހެން ހެދުމުން އެއީ ވެރިމީހާ ނޫނަކަން އެނގި، އެސޮރުމެންގެ ލޯ ހަރަކާތް ކުރުންމަތީ ދެމިހުއްޓެވެ. އެއީ ވެރިމީހާގެ ލޮލުގެ ހަރަކާތަކުން އުފާވެރި އިހްސާސެއް ލިބިފައި ނުވާތީ އެވެ.
ބުޅަލުގެ ވެރިމީހާގެ ލޯ ލަސްލަހުން ކުޑަކުރަމުން ގޮސް ދެތިން ފަހަރު ލޯ ހުޅުވައި ލައްޕާލުމަކީ ސައިކޮލޮޖިސްޓުންނަށް ދެކޭ ގޮތުގައި ބުލަލާއި ދިމާލަށް ހީލުންކަމުގައި ބުޅަލަށް ނަގައި ގަނެވެ އެވެ. އެ ހަރަކާތްތަކުގެ ސަބަބުން ވާހަކަދައްކާ މީހާ އާއި ބުޅާލާއި ދޭތެރޭގައި އިތުބާރު އުފެދެ އެވެ. މިއީ ބުޅާ ގެންގުޅޭ މީހާ ބުޅާދެކެ ލޯބިވާކަން ހާމުކުރުމަށް ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެވެ.
އެ ދިރާސާއިން އިތުރަށް އެނގުނުގޮތުގައި ބުޅާލާ ދިމާލަށް ސީދާ ބަލަހައްޓައިގެން ހުރުމަކީ ނުރައްކާތެރި ސިގްނަލެއް ގޮތުގައި ބުޅާ ބަލައިގަންނަ ކަމެކެވެ. ދެބުޅާ ކޯޅުމުގެ ކުރިން އެކަތި އަނެކައްޗާ ދިމާލަށް ބަލަހައްޓައިގެން ހުރުމުން އަންގައިދެނީ ކަމެއް ގޯސްވެގެން އުޅޭ ކަމެވެ. ބުޅާ ހަމަހިމޭންވެފައިވާނަމަ، ދެލޯކުޑަކޮށް ލައްޕާލައިގެން އޮވެ އެވެ. ގެންގުޅޭ މީހާދެކެ ލޯބިވެއޭ ބުނުމަށް ލަސްލަހުން ލޯމަރާލައި ފިއްތާލައިފައި ހުޅުވާލަ އެވެ.
މި ތަހުލީލުގައި އިސްކޮށް ހަރަކާތްތެރިވި ޑރ. ޓާސްމިން ހަމްޕްރޭ ބުނިގޮތުގައި ބުޅަލުގެ ލޮލަށް އެގެންނަ ބަދަލަކީ އިންސާނުން ބުޅަލުގެ ލޮލުގެ ހަރަކާތަށް ޕޮޒިޓިވްކޮށް ކަންތައްކުރާތީ ބުޅަލަށް ދަސްވެފައިވާ ހަރަކާތަކަށް ވެދާނެ އެވެ. ނުވަތަ ސީދާ ބުޅަލަށް ބަލަހައްޓައިގެން ހުރުން ހުއްޓުވުމަށް އޭއްޗަށް ދަސްވި ހަރަކާތަކަށް ވެސް ވެދާނެކެމެވެ. އެއީ ބުޅަލާ ދިމާލަށް ސީދާ ބަލަހައްޓައިގެން ހުރުން އޭތި ދެކެނީ ނުރައްކަލެއްގެ ފެށުން ކަމަށްވާތީ އެވެ.