ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) ގެ ގޭމް ކުއެސްޓް ސީސަން 1 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

ފެބުރުވަރީ 13 އިން 15 އަށް ދިރާގު ހެޑް އޮފީހުގައި ކުރިއަށްދިޔަ ތިން ދުވަހުގެ މި ފޯރި ގަދަ ގޭމިން ފެސްޓިވަލުގައި 400 އަށް ވުރެ ގިނަ ގޭމް ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ.

ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ބޭއްވި މި ވާދަވެރި އިވެންޓުގައި، ރޮކެޓް ލީގް، އީއެފްސީ 25 ފަދަ ގޭމްތައް ވަނީ ހިމަނައިފަ އެވެ. މި ގޮތުން، މި އިވެންޓް ފަރުމާކޮށްފައިވަނީ އަލަށް ގޭމް ކުޅެން ފަށާ ގޭމަރސް އިން ފެށިގެން އެންމެ ތަޖުރިބާކާރު ގޭމަރސް އަށް ވެސް ބައިވެރިވެވޭ ފަދަ ގޮތަށެވެ.

ޑީޖީޖީއިން ވަނީ ގޭމް ކުއެސްޓް ސީޒަން 1 ގައި ބައިވެރިވެ ވަނަތައް ހޯދައިފައިވާ ގޭމަރސްއަށް ޖުމްލަ 30،000 ރުފިޔާގެ އިނާމް ދީފަ އެވެ. މި ކަން ވެގެން ދިޔައީ، މި ގޭމް ކުއެސްޓްގައި މިހާ ގިނަ އަދަދެއްގެ ގޭމަރސް ބައިވެރިވެ، މިހާ ބޮޑު ތަރުހީބެއް ލިބިގެން ދިޔަ މުހިންމު ސަބަބަކަށެވެ.

2025 ވަނަ އަހަރަށް ކަނޑައަޅައިފައިވާ ހަރަކާތްތައް މިހާ ކުލަގަދަކޮށް ފަށާ ޑީޖީޖީއިން މި އަހަރަށް ތައްޔާރުވެފައިވާ މިންވަރު ވަނީ ފެނިގެން ގޮސްފަ އެވެ. އެހެންކަމުން، ޑީޖީޖީއިން މި އަހަރަށް ރާވައިފައިވާ ހުރި ހަރަކާތްތަކަށް ދިވެހި ގޭމިންގ ކޮމިއުނިޓީއިން ދަނީ އިންތިޒާރު ކުރަމުންނެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ޑީޖީޖީއިންކުރިއަށް ގެންދާ ހަރަކާތްތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް dgg.mv މެދުވެރިކޮށް ލިބޭނެ އެވެ.