މޯލްޑިވްސް މީޑިއާ ކައުންސިލުގެ ހުސްވެފައިވާ ދެ މެންބަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީޑިއާ ކައުންސިލުން ގެޒެޓުކުރި އިއުލާނުގައި ވަނީ ފުރުސަތު ހުޅުވާލައިފައި ވަނީ މީޑިއާތައް ތަމްސީލު ކުރާ މެންބަރެއްގެ މަގާމަށާއި އާންމު މެންބަރެެއްގެ މަގާމަށް ކަމަށެވެ.
މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މާދަމާގެ މެންދުރު 2:00 އެވެ. މެންބަރުކަމަށް ކުރިމަތިލުމަށް ފުރަންޖެހޭ ފޯމު ފުރުމަށްފަހު ފޮނުވަން ޖެހެނީ ޔޫތު މިނިސްޓްރީގެ އީމެއިލް [email protected] އަށެވެ.
އާންމު މެންބަރުގެ މަގާމަށް ކުރިމަތި ލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތަކަށް ކަމަށް ޔޫތު މިނިސްޓްރީން ބުންޏެވެ.
މީޑިއާ ކައުންސިލުގެ މެންބަރުކަމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތައް
- ދިވެހި ރައްޔިތަކަށްވުން
- އުމުރުން 18 އަހަރު ފުރިފައިވުން
- އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައިނުވުން
- މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން
- ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށް ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- ފާއިތުވި ދެ އަހަރު ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- ހިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަބުރުވެރި އަހުލާގު ރަނގަޅު މީހެއް ކަމުގައިވުން
- ފާއިތުވި އެއް އަހަރު ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާ ގުޅިގެން ޝަރީއަތަށް ކުށެއް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން
މީޑިއާ ކައުންސިލް މެންބަރުންގެ ދައުރަކީ ދެ އަހަރެވެ. އެ ކައުންސިލުގެ މެންބަރުކަން އެއްވެސް މީހަކަށް ވިދިވިދިގެން ދެ އަހަރު ނުކުރެވޭނެއެވެ.