ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއއިްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން 55 ރަށެއްގެ ކައުންސިލް އިދާރާ އަލުން އިމާރާތްކުރުމަށް ކުރިން އިއުލާންކުރުމަކާ ނުލާ މެލޭޝިއާގެ ކުންފުންޏެއް ކަމުގައިވާ "ހެކްސްޓަރ ގްލޯބަލް" އާ ހަވާލުކޮށްފި އެވެ.
މިކަމުގެ މައުލޫމާތު ހިއްސާ ކުރައްވާ ބުރާސްފަތި ދުވަހުބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ މި މަޝްރޫއުއަށް އެ ކުންފުނި ހޮވާފައި ވަނީ އެ ކުންފުނީގެ ފަރާތުން ހުށަހެޅި ޕްރޮޕޯޒަލް އަކާއި އެކުގައި ކަމަަަށެވެ. އެހެންނަމަވެސް "ހެކްސްޓަރ ގްލޯބަލް" އާއި މަސައްކަތް ހަވާލު ކުރީ އެ ކުންފުންޏަށް އެފަދަ މަސައްކަތެއް ކުރެވިދާނެތޯ ބަލާ އެކަމާއި ގުޅޭ ރިޕޯޓެއް އެކުލަވާލުމަށް ފަހުގައި ކަމަށް ވަޒީރު ވިދާޅުވި އެވެ. އެ މަޝްރޫޢު އަށް އިތުރު ބަޔަކު ޝައުގުވެރިކަން ފާޅުކުރިތޯ ނުވަތަ ނޫންތޯ ވަޒީރު ހާމައެއް ނުކުރައްވަ އެވެ.
ވަޒީރު ވަނީ ރަށް ރަށުގެ ކައުންސިލް އިދާރާތައް އަލުން ޢިމާރާތްކުރުމަށް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކުރީ 36 މިލިއަން ޑޮލަރުގެ އަގަކަށް، އިއުލާންކުރުމަކާއި ނުލާ ކަމަށްވެސް ވިދާޅުވެފަ އެވެ.
އާދަމް ޝަރީފް ވިދާޅުވީ މި މަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދިި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އެއްބަސްވުމުގައި ހެކްސްޓާ މޯލްޑިވްސް ކުންފުނިން ސޮއިކުރި މައްސަލައިގައި މިނިސްޓަރާ ނޫސްވެރިން ސުވާލުކުރި އެވެ. ހެކްސްޓާ މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް, އެންމެ ދިވެހި ހިއްސާދާރަކު ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނީގައި މެލޭޝިއާ ކުންފުނީގެ އެއްވެސް ހިއްސާއެއް ނެތެވެ. ޖަވާބުގައި މިނިސްޓަރު ވިދާޅުވީ އެ އެއްބަސްވުމުގައި ދިވެއްސަކު ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވާ އޮފް އެޓާނީ އޭނާ އަށް ދީފައިވާތީ ކަމަށް ވަޒީރު ހާމަކުރެއްވިއެވެ. އަދި އެކަން ކޮށްފައި ވަނީ އިޖުރާއަތުތައް ފުރިހަމަކޮށް، ބަލަން ޖެހޭ ކަންކަން ބެލުމަށް ފަހުގައި ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މަޝްރޫއުގެ އަމަލީ މަސައްކަތް އެެޕްރިލް މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.
ހެކްސްޓާއިން ހިންގާ މަޝްރޫއުގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ވެސް 50 ކައުންސިލެއް އިމާރާތްކުރުމުގެ މަސައްކަތް އޮތީ އިއުލާންކޮށްފަ އެވެ.