1. ކެންސަރުގެ ފަރުވާއާ ބެހޭ ޑޮކްޓަރަކަށް ވާން ނިންމީ ކީއްވެ؟
ޖަވާބު: ކެންސަރުގެ ފަރުވާއާ ބެހޭ ޑޮކްޓަރަކަށް ވާން ނިންމި ފުރަތަމަ ސަބަބަކީ ކެންސަރު އެ ސަބްޖެކްޓް އަޅުގަނޑަށް އަސްލު ވަރަށް އިންޓްރެސްޓިން. އެއީ ވަރަށް ބައިވަރު މެޑިކަލް ސައެންސްގެ އެކިއެކި އޭރިއާތަކާ ގުޅިފަ އޮންނަ އެއްޗަކަށް ވާތީ. މިއީ މެޑިސިން އަދި ސާޖަރީ ކޮމްބައިންކޮށް އަދި މީގެ އިތުރުން ރޭޑިއޮލޮޖީ ވެސް ވަރަށް ބޮޑަށް ހިމެނޭ ދާއިރާއަކަށް ވާތީ. އެކެޑިމިކަލީ ވަރަށް ޗެލެންޖިން މާއްދާތަކެއް ވީމަ މީތި ކިޔަވަން ނިންމީ. ދެން އަނެއް ސަބަބަކީ ރާއްޖޭގައި އޭރު މި ދާއިރާއިން މާ ބޮޑު ފަރުވާއެއް ދެވެން ނެތީމަ, ހިތަށްއެރީ މި ނީޑް ރާއްޖޭގައި ވަރަށް ބޮޑަށް އެބައޮތްކަން. މި ކަހަލަ ދާއިރާއަކުން ކިޔަވާފިއްޔާ ފައިދާ ވާނެއޭ.
2. ރާއްޖޭގެ އެންމެ ގިނައިން ފެންނަނީ ކޮން ވައްތަރެއްގެ ކެންސަރެއް؟
ޖަވާބު: އަދިވެސް މައިގަނޑުގޮތެއްގަ އެންމެ ގިނައިން ފެންނަނީ އަންހެނުންގެ ތެރެއިން އުރަމަތީގެ ކެންސަރު. ދެވަނައަށް އެންމެ ގިނައިން ފެންނަނީ ތައިރޮއިޑް ކެންސަރު. ފިރިހެން ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން ޕްރޮސްޓޭޓް ކެންސަރު. ދެވަނައަށް އެންމެ ގިނައިން ފެންނަނީ ފުއްޕާމޭގެ ކެންސަރު
3. މި ވައްތަރުގެ ކެންސަރު ގިނަވާން ދިމާވާ ސަބަބަކީ ކޮބާ؟
ޖަވާބު: ކޮންމެ ކެންސަރެއްގެ ވެސް ވަކި ސަބަބުތަކެއް ހުރޭ ދިމާވާން މެދުވެރިވާ. އޭގެ ތެރެއިން އުރަމަތީގެ ކެންސަރަށް ބަލާއިރު, އުރަމަތީގެ ކެންސަރު ޖެހެނީ ކީއްވެގެންކަން އެނގޭ ސަބަބުތަކާ ނޭނގޭ ސަބަބުތަކެއް ހުރޭ. ވަރަށް ގިނަ ހާލަތްތަކުގައި އަސްލު ސަބަބެއް ނޭނގޭ. އުރަމަތީގެ ކެންސަރުގެ 10 ޕަސެންޓަކީ އާއިލާގެ ފަރާތުން ވާރުތަވެގެން ޖެހޭ ކެންސަރު. ބައެއް ކަހަލަ ބަލިތަކުން ވެސް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވޭ. މިސާލަކަށް ޕީސީއޯސް ނުވަތަ ހޯމޯނަލް މައްސަލައެއް ހުންނަނަމަ ރިސްކު ބޮޑުވޭ. މީގެ އިތުރުން ޕީރިއަޑްވުމުގައި ދިމާވާ ބައެއް އެބްނޯމަލިޓީސް (މިސާލަކަށް އުމުރުން މާ ހަގު އިރު ޕީރިއަޑްވުން, އުމުރުން މާ ލަހުން ޕީރިއަޑް ހުއްޓުން) ފަދަ ކަންކަން ހުންނަ ނަމަވެސް ރިސްކު ބޮޑުވޭ. ދެން މީގެ އިތުރުން މާ ބޮޑަށް ފަލަވުމާއި ކަސްރަތު ނުކުރުމާ, ދުންފަތުގެ އިސްތިއުމާލު ކުރުން ފަދަ ކަންކަމަކީ ރިސްކު ބޮޑުވާ ކަންކަން.
4. ކެންސަރުގެ ފަރުވާ ދިނުމުގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބާ؟
ޖަވާބު: ފުރަތަމަ ޑައިގްނޯޒްވާ ހިސާބުން ކުރިމަތިވާ ގޮންޖެހުމަކީ ޑައިގްނޯސްޓިކްސްގެ ގޮންޖެހުން. ކެންސަރު ދެނެގަތުމުގެ ގޯލްޑް ސްޓޭންޑެޑްއަކީ ބައޮޕްސީ ހެދުން. ބައޮޕްސީ ނެގުމަށްޓަކައި އެކަމުގެ ތަޖުރިބާ ހުރި ޑޮކްޓަރެއް ނެތުން. މިކަމަށް ބޭނުންވާ އިންޓާވެންޝަނަލް ރޭޑިއޮލޮޖިސްޓުން ނެތުމާ އެކި އެކި އުނދަގޫ ސައިޓްތަކުން ބައޮޕްސީ ނަގަން ބޭނުންވާ ހާލަތްތަކުގައި މިކަން ކުރެވޭނެ ފަންނީ ހުނަރާއި ތަޖުރިބާ ހުރި ޑޮކްޓަރުން ނެތުން. ދެން ޕެތޮލިޖީއާ ހިސާބުން ހިސްޓޯޕެތޮލޮޖީ, ހިސްޓޯކެމިސްޓްރީ އަދި މޮލެކިއުލާ އެނެލެސިސް ކަހަލަ ޓެސްޓުތައް ރާއްޖޭގަ ހެދެން ނެތުމުން، މި ޑައިގްނޯސިސްތައް ތަންކޮޅެއް ސްލޯވަމުންދޭ. މިހާރު އިންނަ ނިޒާމަކީ ސާމްޕަލްތައް ބޭރަށް ފޮނުވައިގެން ބޭރުން އެ ޓެސްޓުތައް ހެދުން. މީގެ ސަބަބުން ގިނަ ދުވަސްވެ, ޕޭޓަންޓްސްގެ ޝަކުވާ އާދޭ ޑައިގްނޯސިސް ލަސްވާތީ. މިކަންކަން ހައްލު ކުރެވޭނީ އިތުރަށް ތަމްރީންތައް ލިބިގެން ޑޮކްޓަރުންގެ ޓީމު އިތުރުކޮށް, އަޅުގަނޑާއެކު މަސައްކަތް ކުރާނެ އިތުރު އޮންކޮލޮޖިސްޓުން ހޯދުން. ދެން އިންފްރާސްރަކްޗާ އަށް ބަލާއިރު ޕެތޮލޮޖީ ޓެސްޓުތައް އިތުރުކޮށް އެކަމަށް ބޭނުންވާ އިތުރު ސާމާނުތައް ހޯދުން.
5. މި ގޮންޖެހުންތައް ހައްލު ކުރިދާނެ ގޮތްތަކަކީ ކޮބާ؟
ޖަވާބު: މި ކަންތައްތައް އޭގެ އިތުރަށް ހައްލުކުރަން ރަނގަޅު ކެންސަރު ސެންޓަރެއް ހުރުން މުހިއްމު. އަދި މިހާރު ރާއްޖެއިން ނުލިބޭ ފަރުވާތައް ކަމަށްވާ ރޭޑިއޭޝަން ސެންޓަރެއްވެސް ހުރުން މުހިއްމު. ދެން ކުރިންވެސް ދެންނެވި ފަދައިން އޮންކޮލޮޖީގެ ދާއިރާގެ އިތުރު ޑޮކްޓަރުން ބޭނުންވޭ. މީގެ އިތުރުން ބައެއް ބޭސްތައް ހޯދުމުގައި ވެސް ދަތިތަކެއް ހުރޭ. މި ދާއިރާއަކީ ގައިޑްލައިންތަކުގެ ދަށުން ދެވޭ ބޭސްތައް ދުވަހުން ދުވަހަށް އަޕްޑޭޓްވަމުން އަންނަ ދާއިރާއެއް. މި ބޭސްތައް ކުއްލިއަކަށް ހޯދަން ދަތިވޭ ސްޓޮކްކޮށްފަ ނެތިއްޔާ. އަލަށް ޑައިގްނޯޒްވާ ޕޭޝަންޓުންނަށް ހާއްސަކޮށް މި ބޭސްތައް ލިބުމުގައި ދަތިވޭ. އެކި ފަރާތްތަކާ އެކީ މަސައްކަތް ކޮށްގެން މިކަން ހައްލުކުރަން އުޅޭތާ އެތައް އަހަރެއް ވެއްޖެ. ފާހަގަކޮށްލަން ބޭނުންވޭ މި ކަމުގައި ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިފައިވާކަން. އެހެން ނަމަވެސް ބޭހުގެ ދަތިތައް ހައްލުކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަން އަޅުގަނޑު ދެކެން,
6. ކެންސަރުގެ ބަލިން ރައްކާތެރިވުމަށް އެކަށީގެންވާ ކަންކަން ރާއްޖޭގެ ރައްޔިތުން ކުރާ ކަމަށް ދެކެންތަ؟
ޖަވާބު: 30 ޕަސެންޓް ކެންސަރަކީ ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ސަބަބުން ރައްކާތެރިވެވޭނެ ކެންސަރު. ރާއްޖޭގެ ރައްޔިތުންނަށް ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމަށް ބަލާއިރު, ވަކި އުމުރު ފުރާތަކަށް ކުރެވޭނެ އެކި ކަންކަން ހުރޭ. ފެންނަނީ ތަންކޮޅެއް ޒުވާން ޖީލުގެ ބޭފުޅުން ކަސްރަތުކުރުމާ ބެލެންސް ޑައެޓްއަށް ތަންކޮޅެއް ހޭލުންތެރިކަން ހުންނަކަން. އެހެންނަމަވެސް 55 އަހަރު ނުވަތަ 60 އަހަރުން މަތީގެ ބޭފުޅުންގެ ހޭލުންތެރިކަން ނެތްކަން ފާހަގަކުރެވޭ ކޮންމެވެސް. އެންމެންގެ ވާހަކައެއް ނޫން. ބެލެންސް ޑައެޓާ, އެ އުމުރުފުރައަކާ ގުޅޭ އެކްޓިވިޓީސް ގެ ކަންކަމަށް ބޮޑަށް ހޭލުންތެރިކަން ނެތްކަން ފާހަގަކުރެވޭ. މި ކަންކަމަށް ބޮޑަށް ހޭލުންތެރިކަން އިތުރުކުރުމަށް ޕްރޮގްރާމްތައް އިތުރުކުރަން ފެނޭ.
7. ކެންސަރު ބަލީގެ ކަންކަމުގައި ރައްޔިތުން ހޭލުންތެރިކަމަށް ގަބޫލުކުރަންތަ؟
ޖަވާބު: ރައްޔިތުން މި ކަމުގައި އިތުރަށް ހޭލުންތެރިވާން ޖެހޭ ވަރަށް ބައިވަރު ކަންކަން އެބަހުރި ކަމަށް ދެކެން. މިއީ ވަރަށް ހިތްދަތި ބައްޔެއް. ޕޭޝަޓުންނަށާއި އެމީހުންގެ އާއިލާއަށް ވަރަށް ބޮޑެތި ނަފްސާނީ ސަޕޯޓް ބޭނުންވާ ކަމެއް މީ. މި ބައްޔާ ބެހޭ ގޮތުން މުޖުތަމައުގެ ސްޓިގްމާއެއްވެސް އިނދޭ. މިސާލަކަށް ބައެއް ފަހަރު ހިތް މަރުވާ ކަހަލަ ވާހަކަ ދެއްކުން. މިވެނި މީހަކަށް އެވެނި މީހަކަށްވެސް މިހެންނޭ ވީ. ފަރުވާއާ ދޭތެރޭ ޕޭޝަންޓްގެ ކޮންފިޑެންސް ގެއްލޭ ކަހަލަ ވާހަކަ ދެއްކުން. ސާބިތުނުހިފޭ "ފަރުވާ" ތަކުގެ ވާހަކަ ދެއްކުން. މީހާގެ ހިތް ނުތަނަވަސްކުރުން ވަރަށް ފާހަގަކުރެވޭ. މިކަހަލަ ކަންކަމުން ގެއްލުން ވަނީ ބަލިމީހާއަށް. އެހެން މީހަކަށް ނޫން. މިސާލަކަށް ސާބިތުނުހިފޭ ކޮންމެވެސް ތަނެއްގައި ހުންނަ ބޭހެއް ކާން ބުނުން, ޑޮކްޓަރީ ފަރުވާ ނުހޯދާ. މި ކަންކަން ކޮށްގެން އަޅުގަނޑުމެންނާ ހިސާބަށް ޕޭޝަންޓް އަންނަ އިރު މާބޮޑަށް ލަސްވެފަ މި ހުންނަނީ. އެހިސާބުން އަޅުގަނޑުމެންނަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނޯވޭ. އަޅުގަނޑު ވަރަށް ބޭނުން ރައްޔިތުން ބާރުއަޅަން ސިއްހީ މާހިރުންނަށް މިކަންކަން ދޫކޮށްލަން. މިހުންގެ ހިތުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ރަނގަޅު މައުލޫމާތުނެތި ވާހަކަދެއްކުމަކީ ރަނގަޅުކަމެއްނުން. މިހާރު މިއީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާން. އޭއައި އަކީ ސިއްހީ މާހިރުގެ ބަދަލުގައި ބޭނުންކުރެވި ދާނެ އެއްޗެއް ނޫން. އެތައް މައުލޫމާތެއް އެއްކޮށްގެން ހަދާފަ ހުންނަ އެއްޗެއް އެއީ, އެކަކު އެއީ ސިއްހީ މާހިރެއްގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫން. މިކަންކަން ގަބޫލުކުރަން ޖެހޭ. މީހުން ސޯސަލް މީޑިއާގަވެސް ހިއްސާ ކުރޭ ސާބިތުނުހިބޭ އެތައް ވާހަކައެއް ކެންސަރުގެ ފަރުވާއާ ބެހޭގޮތުން. މިކަންކަމަށް ސަމާލުވާން އެބަޖެހޭ. މި ކަހަލަ ކަންކަމުގެ ސަބަބުން ބަލިމީހާއަށް ވަރަށް ބޮޑު ގެއްލުމެއް ތި ދެވެނީ. މި ކަމުގައި ޒިންމާދާރުވާން ޖެހޭ.
8. އެއް އާއިލާއެއްގައި ކެންސަރުގެ ބަލި މާ ގިނައިން ފެންނަނަމަ, އެ އާއިލާއެއްގެ އެހެން މެންބަރުން ރައްކާތެރިވުމުގެ ގޮތުން ކުރެވިދާނެ ކަންކަމަކީ ކޮބާ؟
ޖަވާބު: ކެންސަރުގެ ސްކްރީނިންގް ގަވައިދުން ހެދުން. އަދި ހާއްސަކޮށް އުރަމަތި ނުވަތަ އޯވަރީ ކެންސަރު އާއިލާ ގާތް މެންބަރެއްގެ ހުންނަ ނަމަ ހެރިޑިޓަރީ ސްކްރީނިންގްއެއް ހެދުން. ރާއްޖޭގެ ހޮސްޕިޓަލްތަކުންވެސް ހެދޭނެ. ދެން ވަރަށް ބޮޑަށް އެޑްވައިސްކުރަން އެކްޓިވްކޮށް އުޅެން. ރަނގަޅަށް ކެއުމާ ޕްރޮސެސް ކޮށްފަހުރި ކާނާ މަދުކުރަން. ދުންފަތުގެ އިސްތިއުމާލު ކުރާނަމަ އެކަން ހުއްޓާލުން. މަސްތުވާ ތަކެތިން ރައްކާތެރިވުން. މިއީ ކެންސަރުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން.
9. ބައެއް ކެންސަރުތައް ޕްރިވެންޓްކުރަން ވެކްސިން ހުރޭ. ކުޑަކޮށް ކިޔާލަދެވިދާނެތަ މި ވެކްސިން ތަކުގެ މައުލޫމާތު އަދި އޭގެ މުހިއްމުކަން؟
ޖަވާބު: ބައެއް ކަހަލަ އިންފެކްޝަންސް ތަކުން ޖެހޭ ކެންސަރުތަކަށް ވެކްސިން ހުރޭ. މިސާލަކަށް އެޗްޕީވީ ވެކްސިން. މި ވައިރަސް ޖެހުމުން ރަހިމުގެ ދޮރަށް ޖެހޭ ކެންސަރު ޖެހުމުގެ ފުރުސަތުބޮޑުވޭ. ޖިންސީ ގުޅުމުން ޖެހޭ ވައިރަހެއް މީ, މި ވައިރަސްއިން ރައްކާތެރިވުމަށް މި ވެކްސިން ޖެހިދާނެ. ރާއްޖޭގައިވެސް ޖެހޭ މި ވެކްސިން. ދެން އިންނާނީ ހެޕަޓައިޓިސް ބީ ވެކްސިން. މިއީ ލިވާ ކެންސަރުން ރައްކާތެރިކޮށްދޭ ވެކްސިނެއް. މި ވެކްސިން ކުޑައިރު ނުޖަހާ ހުރިނަމަ ޖެހުން މުހިއްމުކަމަށް ފެންނަ ވެކްސިނެއް މީ.
10. ކެންސަރު ބަލީގެ ސްޓޭޖްތަކަކީ ކޮބާކަން ކިޔާލަދެވިދާނެތަ؟
ޖަވާބު: ވަރަށް ސިމްޕަލްކޮށް ދަންނަވާނަމަ ކެންސަރުގެ ސްޓޭޖް 1 އަކީ ވަރަށް ލޯކަލައިޒްޑް, އެހެން ގުނަވަނަކުން ބޭރަށް ނުދާ ޓިއުމަރެއް, ސްޓޭޖް 2 އަކީ ގުނަވަނު ތެރެއަށް އިންފިލްޓްރޭޓް ވެފަ ކޮންމެވެސް ވަރަކަށް ހުރުން. ސްޓޭޖް 3 އަކީ ގުނަވަނަކުން ތަންކޮޅެއް ބޭރުގަ ނުވަތަ ލިންފް ނޯޑް ތަކުގަ މި ބަލި ހުރުން, އަދި ސްޓޭޖް 4 އަކީ ދުރު ތަންތަނަށް ފެތުރިފަ ހުރުން. އެއީ އާންމުކޮށް އިންނަ ހަތަރު ސްޓޭޖް. މިނޫންވެސް އެހެނިހެން މެޑިކަލް އެހެން ކަންކަން އަޅުގަނޑުމެން ބަލަން ސްޓޭޖް ކަނޑައަޅާއިރު.