މަސްތަކަކަށް ދެމިގެންދިޔަ ވަރީގެ މައްސަލަ ނިމުމާއެކު ހޮލީވުޑްގެ ތަރި ޖެނިފާ ލޮޕޭޒްގެ ގާނޫނީ ނަމުން އޭނާގެ ކުރީގެ ފިރިމީހާ ބެން އެފްލެކްގެ ފަހު ނަން އުނިކޮށްފި އެވެ.
ހަބަރުތައް ބުނާ ގޮތުގައި މިދިޔަ ހުކުރު ދުވަހާ ހަމައަށް ޖޭލޯގެ ހުރިހާ ގާނޫނީ ލިޔެކިޔުމެއްގައި އޭނާގެ ނަން ލިޔެވިފައިވަނީ "ޖެނިފާ ލޮޕޭޒް އެފްލެކް"ގެ ގޮތުގަ އެވެ.
އެހެން ނަމަވެސް ހުކުރު ދުވަހު އެމެރިކާގެ ކޯޓަކުން އެ ދެމީހުންގެ ވަރި ސާބިތު ކޮށްދިނުމާއެކު ޖެނިފާ ވަނީ އޭނާގެ ނަމާ ގުޅިފައިވާ ބެންގެ ނަން އުނިކޮށްފަ އެވެ.
ބެންއާއި ޖޭލޯގެ ވަރީގެ މައްސަލަ ކޯޓުން ނިމިފައިވީ ނަމަވެސް އެ ވަރިއާ ގުޅިފައިވާ މާލީ ކަންކަމުގެ އެއްވެސް ތަފްސީލެއް މީޑިއާއަށް ހާމަވެފައެއް ނުވެ އެވެ.
ދެ އަހަރު ދުވަހުގެ ކައިވެންޏަކަށްފަހު ބެންއާއި ޖޭލޯ ވަރިއަށް ހުށައަޅާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލަ އެންމެ ފަހުން ނިމިފައި މިވަނީ އެތައް ކޯޓު މަރުހަލާއަކަށްފަހު އެވެ.
އެ ދެމީހުންގެ ކައިވެނި ރޫޅުނުތާ މާ ގިނަ ދުވަސްތަކެއް ވެފައިނުވާއިރު ބެން މިހާރު އުޅެނީ އެހެން އަންހެނަކާ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ހަބަރުތައް ބުނެ އެވެ.