ބޯކޮށް ވާރޭ ވެހި ވައިގަދަވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ނެރެފައިވާ އެލާޓުގައި ލަފާކޮށްފައިވަނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅާއި ހަމައަށް ހެނދުނު 9:30 އިން ފެށިގެން މެންދުރު ފަހު 1:00 އާ ހަމައަށް ބޯކޮށް ވާރޭ ވެހުމާއިއެކު ގުގުރާނެކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެކަމަށްވެސް މެޓުން ބުނެފައިވެ އެވެ.

މީގެއިތުރުން މިއަދު އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހި ގުގުރުން އެކަށިގެންވާކަމަށްވެސް މެޓުން ލަފާކުރެ އެވެ.

އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެ އެވެ.

މެޓުން ބުނީ މިއަދު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް އެ އިދާރާއިން ލަފާކޮށްފައިވަނީ ތިން ފޫޓާއި ހަތް ފޫޓާއި ދެމެދުގަ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެކި ރަށްތަކުގައި ފެންބޮޑުވެ ދަނީ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން ވެރިރަށް މާލޭގައި ފެންބޮޑުވެ އިދާރާތަކުން ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން ވިއްސާރައިގެ ސަބަބުން މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވަނީ ކަނޑައަޅާފަ އެވެ.