ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފަ އެވެ.

އެގޮތުން ދިއްފުއްޓަށް 296.1 މިލިމީޓަރުގެ ވާރޭ ވެހިފައި ވާކަމަށް ވަނީ ރިކޯޑް ކުރެވިފަ އެވެ. މިއީ ރާއްޖޭގެ ވިއްސާރައިގެ އާ ރެކޯޑެކެވެ.

މީގެ ކުރިން 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓް 12 ވަނަ ދުވަހު ހއ. ކެލާ އަށެވެ. އެއީ 231.5 މިލިމީޓަރުގެ ވާރޭ އެވެ.

މެޓް އޮފީހުން މިއަދު އާންމުކުރި މައުލޫމާތުން އެނގޭ ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް 296.1 މިލިމީޓަރުގެ ވާރޭ ވެހިފަވެ އެވެ.

އިއްޔެ ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުމާލެ އަށެވެ. އެއީ 185.2 މިލިމީޓަރުގެ ވާރޭ އެވެ. އަދި ފ. ނިލަންދު އަށް 178.2 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ.

އިއްޔެއިން ފެށިގެން މެދުނުކެނޑި ރާއްޖޭގެ ގިނަ ރަށްތަކަށް ކުރި ވިއްސާރައިގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ގެއްލުންވެ، މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ވަނީ ދަތިވެފަ އެވެ. މިއާއެކު ރޭގެ ވަގުތެއްގައި ވަނީ މިއަދަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ކަނޑައަޅާފަ އެވެ.

މެޓް އޮފީހުން ވަނީ މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ގުގުރުން އެކަށީގެންވާ ކަމަށް ލަފާކޮށްފަ އެވެ. މީގެ އިތުރުން ކަނޑުތައް އަދައިގެ ވަރަކަށް ގަދަވެފައި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ. މިއާއެކު މި ވަގުތުވެސް ވަނީ ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ޔެލޯ އެލާޓް ނެރެފަ އެވެ.