ކުޑަކުދިން ހިމެނޭނެހެން 48 މީހުންނާއެކު ދަތުރު ކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:57 ހާއިރު އދ. ދިގުރަށުން މާލެއަށް ދަތުރުކުރި "ހުވަން" ނަމަކަށް ކިޔާ ލޯންޗެއް އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބުމުން ފުލުހުން ހަރަކާތްތެރި ވެފައިވާ ކަމަށެވެ.
ލޯންޗްގައި ތިބީ ލޯންޗުގެ ތިން ކްރޫއިންނާއި 45 ޕަސިންޖަރުންނެވެ. އޭގެ ތެރޭގައި ހަތަރު ކުޑަކުދިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިމަޖެންސީ ރެސްޕޮންސް ޓީމްތައް ވަގުތުން ފޮނުވައި، ދޯނީގައި ތިބި އެންމެން ރައްކާތެރިކަމާ އެކު ސަލާމަތްކުރެވޭނެ އިންތިޒާމު ހަމަޖެއްސި ކަމަށެވެ. ހުރިހާ ފަސިންޖަރުންނާއި ފަޅުވެރިން ދިގުރަށަށް ގެންގޮސްފައިވާއިރު، އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ ފުރިހަމަ ތަހުގީގެއް ކުރަމުން އަންނަ ކަމަށެވެ.
އެ ލޯންޗު އަޑިއަށް ދިޔައީ ދިގުރަށާއި މަހިބަދޫއާ ދެމެދު ސަރަހައްދަކަށް ކަމަށް ފުލުހުން ބުންޏެވެ. މީހުން ލައިފް ޖެކެޓުގައި ކަނޑުވެފައި ތިއްބައި ފެންނަ ފޮޓޯތަކެއް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މި ވަގުތު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ. އިދާރާތަކުން ވަނީ ކަނޑު ދަތުރު ކުރުމުގައި ސަމާލުވާން އިލްތިމާސް ވެސް ކޮށްފަ އެވެ.