އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރު އާންމު ތަނަކަށް ދޫކޮށްލައިފިނަމަ ނުވަތަ އަނިޔާކޮށްފިނަމަ ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހުމާނެވެ. މިއީ ރާއްޖޭގައި ދެމެހެއްޓެނިވި އަދި ރައްކާތެރިގޮތެއްގައި ޖަނަވާރު ގެންގުޅުމާއި ވިއްސައި އާލާކުރުމާއި ވިޔަފާރިކުރުމަށް މަގުފަހިކުރުމަށް އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށް ހުށަހަޅުއްވާފައިވާ ބިލެކެވެ.
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ރާއްޖެއަށް ގެނެވޭ އަދި ރާއްޖޭގައި ގެންގުޅޭ ޖަނަވާރުގެ ސިއްޙަތާއި ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި އަދި ޖަނަވާރަށާއި ޖަނަވާރުގެ ޒަރީއާއިން އިންސާނުންނަށް ޖެހޭ ބަލިތަކުން ރައްކާތެރިކުރުމަށްޓަކައި ޖަނަވާރަށް ބޭސްފަރުވާ ކުރުމުގެ އުސޫލުތައް ކަނޑައަޅާނެ އެވެ. އަދި ރާއްޖެއަށް އެތެރެކުރާ ޖަނަވާރާއި ޖަނަވާރުގެ ބައިތަކާއި ކާނާއާއި ބޭސް އެތެރެކުރުމުގެ އުސޫލުތައްވެސް ކަނޑައަޅާނެ އެވެ.
ރާއްޖެއަށް ޖަނަވާރު އެތެރެކުރުމަށާއި އެފަދަ ތަކެތި ގެންގުޅުމާއި ޖަނަވާރަށް ބޭނުންވާ ކާނާއާއި ބޭސް އެތެރެކޮށް ވިޔަފާރިކުރުމަށް މި ބިލުގެ ދަށުން ރަޖިސްޓްރީވާން ޖެހޭނެ އެވެ.
މި ބިލުގެ ދަށުން ޖަނަަވާރުގެ ރައްކާތެރިކަމާގުޅޭ ސިޔާސަތުތައް ކަނޑައަޅައި ޤާނޫނު ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވަޒީރާ އެވެ. އަދި ރާއްޖެއަށް ޖަނަވާރު އެތެރެކުރާ ބަނދަރުތަކުގައި ޕޯޓު ކަރަންޓީނު ފެސިލިޓީތައް ގާއިމުކުރުމާއި، އެނިމަލް ސެންކްޗުއަރީތައް ސަރުކާރުން ގާއިމުކުރަންޖެހޭނެ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.
މި ބިލުގައި ޖަނަވާރުތަކާމެދު އިހުމާލުވާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތައް ވެސް ވަނީ ބަޔާންކޮށްފައިވެ އެވެ. އެގޮތުން، ޖަނަވާރުގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000 ރުފިޔާއާއި 1،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށް ވަނީ ނިންމާފަ އެވެ. އަދި، ގަވައިދާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރާނެ އެވެ.
ގާނޫނާ ޚިލާފަށް ޖަނަވާރު ވިއްސައި އާލާކޮށް، ގާނޫނާ ޚިލާފަށް ޖަނަވާރު ގެންގުޅެ، ސާމްޕަލް އޮޅުވާލައި، ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާއި ޚިލާފު އަމަލުތައް ކޮށްފިނަމަ އެ އަމަލެއް ކުރި ފަރާތް 10،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ބިލުގައި ވަނީ ބަޔާންކުރެ އެވެ.
މީގެ އިތުރުން ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތަންތަނަށް ދޫކޮށްލައިފިނަމަ 5،000 ރުފިޔާއާއި 50،000 ރުފިޔާއާ ދެމެދުގެ އަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. މިއީ މިހާރު ވެސް ގިނަބައެއްގެ ކަންބޮޑުވުން އޮތް ކަމެކެވެ. އެގޮތުން، އޮޅުކޮށްގެން ގެންގުޅޭ ބައެއް ޖަނަވާރުތައް، ހާއްސަކޮށް ބުޅާތައް އާންމު ތަންތަނަށް ދޫކޮށްލާކަމުގެ ޝަކުވާ ގިނަ އެވެ.
މި ބިލުގައި ސީދާ އަދަބު ކަނޑައެޅިފައިނުވާ ކަމެއް ދިމާވެއްޖެނަމަ 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ބިލުގައި ބަޔާންކުރެ އެވެ.
ޖޫރިމަނާ ކުރެވޭނެ އިތުރު ކަމެއް ކޮއްލުން ބިލުގެ ފޮރުވިފައިވާ މަގުސަދަކީ
ރިޕްލައި