ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ރާއްޖެއަށް އެތެރެކުރާ ދުންފަތުގެ ބާވަތްތަކުންނާއި ސިނގިރޭޓުން ޑިއުޓީ ނަގާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އިކޮނޮމިކް މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް ފޮނުއްވެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން މެންބަރު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސައީދު ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ނަގާނެ ކަމަށެވެ. އެ ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީ ބިނާވާނީ ޗައިނާއިން ރާއްޖެއަށް އެފަދަ ތަކެތި އެތެރެކުރާ މިންވަރެއްގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ސިނގިރޭޓުން ޑިއުޓީގެ އިނާޔަތްތައް ނުދޭނެ ކަމަށެވެ. އަދި ޗައިނާއިން އެތެރެކުރާ ސިނގިރޭޓުން ވެސް ޑިއުޓީ ނަގާނީ ރާއްޖެއަށް އެހެން ގައުމުތަކުން އެތެރެކުރާ ސިނގިރޭޓުން ޑިއުޓީ ނަގާ ރޭޓުން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ކަނޑާލެވޭ އިމްޕޯޓު ޑިއުޓީތަކުގެ ސަބަބުން ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ކަމަށާއި ފުރަތަމަ ފަސް އަހަރު ގެއްލޭނެ އާމްދަނީއާ ގުޅޭގޮތުން ވެސް މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި ސައީދު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެތެރެކުރާ މުދަލުގެ ޑިއުޓީ ބިނާވާނީ އެ ގައުމުން ރާއްޖެއަށް އެތެކުރާ މުދަލުގެ އަގަށް ކަމަށާއި އޭގެ ސީދާ އަދަދުތަކެއް އެނގޭނީ މުއާމަލާތްތައް ހިނގާ ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްޕޯޓު ޑިއުޓީ ދަށްވުމާއި ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅުމެއް ނެތް ކަމަށް އިކޮނޮމިކް މިނިސްޓަރު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފަ އެވެ. އަދި މިފަދަ އެއްބަސްވުންތައް އެކުލަވާލާ އަމަލުކުރުމުގައި ރާއްޖެއާއި ބޮޑެތި ގައުމުތަކުގެ ވިސްނުން ތަފާތުވާނެ ކަމަށާއި ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށްވާއިރު މިފަދަ އެއްބަސްވުންތަކުގެ ސަބަބުން މީގެ އެންމެ ބޮޑު ފައިދާއެއް ވާނީ ރައްޔިތުންނަށް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ބޭރުކުރާ ކަނޑުމަހުގެ ބާވަތްތަކަށް ޗައިނާއިން ޑިއުޓީ މައާފުވާއިރު، ކަނޑައެޅިފައިވާ މުދާތަކުން ޗައިނާއިން ރާއްޖެ އެތެރެކުރާ މުދާތަކުން ވެސް ޑިއުޓީ މައާފުވެ އެވެ.