ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާ ދެކޮޅަށް ދޮގު ބަޔާނެއް ހޯދުމަަށް ޕަބްލިކް ޕްރޮސިކިއުޓާ ހުސައިން ސާމީ ކްރިމިނަލް ކޯޓުގެ ދެ ގާޒީއަކަށް ބިރުދައްކައި މަޖުބޫރުކުރުވާކަން އެނގިއްޖެ އެވެ.

ޝަރުއީ ދާއިރާގެ އިސް އޮފިޝަލަކު ވަނީ މިކަން ހިނގިގޮތެއް "ހުރިހާ"އަށް ކިޔައިދެއްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ބޭނުންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ފިރިކަލުން ބަންދުން ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ނުފޫޒުފޯރުވި ކަމަށް ބުނެ ދޮގު ބަޔާނެއް ހޯދުމަށެވެ.

އެ އޮފިޝަލް ވިދާޅުވިގޮތުގައި ސަރުކާރުގެ އެ އެންގުން ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޕަބްލިކް ޕްރޮސިކިއުޓާ ސާމީއާ ޓާސްކް ހަވާލުކުރީ ޕީޖީ އައްބާސް ޝަރީފެވެ. އަދި އައްބާސްގެ އެންގުމަށް ސާމީ ގެންދަނީ ކްރިމިނަލް ކޯޓުގެ ގާޒީ ސަފްވަތު ހަބީބާއި ގާޒީ އިބްރާހީމް ޒިހުނީއަށް ބިރުދައްކަމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"މިދިޔަ ހަފްތާގެ ތެރޭގައި ސަމީ ވަނީ ގާޒީ ސޮފްވަތާއި ގާޒީ ޒިހުނީއާ ބައްދަލުކޮށްފައި. އޭނާ ޑިމާންޑް ކުރީ ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލުމަށް ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު އެ މީހުން ކައިރީ އެދުނު ކަމަށް ބުނެ ޖޭއެސްސީއަށް ބަޔާނެއް ދިނުމަށް. އެ މީހުން އެކަމަށް އިންކާރުކުރުމުން ސާމީ ދަނީ ބިރުދައްކައި އެ ދެ މީހުންނަށް އެ ބަޔާންދިނުމަށް މަޖުބޫރު ކުރުވަމުން،" ޝަރުއީ ދާއިރާގެ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ސާމީ ގެންދަވަނީ އެއްވެސް ޖެހިލުމެއް ނެތި ގާޒީންނަށް ނުފޫޒުފޯރުވައި އިންޒާރު ދެމުންނެވެ.

"ސާމީ ބުނެފައި ވަނީ ޒިހުނީ ކައިރީ، ކެލެއާ ދެކޮޅަށް އިންޓެލިޖެންސް ރިޕޯޓްތައް އެބަހުއްޓޭ. މަހާޒު އާއި އަޒްމިރަލްދާއާ ދެކޮޅަށް ބަޔާންނުދީފިނަމަ އޭނާގެ ސުލޫކީ މައްސަލަ ޖޭއެސްސީން ބަލާނެ ކަމަށް. އަދި ރިޔާސީ ދައުރުގެ ފަހުބައިގައި ހިތިވާނެ ކަމުގައި ބުނެ ވެސް ވަނި އިންޒާރު ދީފައި،" އޮފިޝަލް ވިދާޅުވި އެވެ.

ގާޒީ ސޮފްވަތާ ބައްދަލުކޮށް ސާމީ ބުނެފައި ވަނީ "ކަމެއް ވާން އޮތީ އަޒްމިރަލްދާ އާއި މަހާޒު ސުޕްރީމް ކޯޓުން ބޭރުކޮށްގެން" ކަމަށެވެ. އަދި ފިނޑިކަމުން ސަރުކާރަށް ވެސް ކަމެއް ނުކުރެވޭ ކަމަށް ސާމީ ބުނެފައިވެ އެވެ.

"ހުރިހާ"އަށް މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އެކި ބޭފުޅުން ވިދާޅުވީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރީ ރޭވުމެއްގެ ތެރެއިންނެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު އެ މައްސަލައަށް ނުފޫޒުފޯރުވި ކަމަށް ހަދައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި ހޯމް މިނިސްޓަރު އަލީ އިހްސާން ލައްވައި ދުރާލައި ރޭވި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ފަނޑިޔާރުންނާ ދެކޮޅަށް ހެއްކެއް ނުލިބުމުން އެ ދެ ބޭފުޅުން ވަނީ ޕީޖީ އައްބާސްގެ އެހީތެރިކަމަށް އެދިފަ އެވެ.

"އައްބާސް ޝަރީފް، ސާމީ ކައިރީ ބުނީ މިކަން ކޮޅެއްގައި ޖައްސައިދެއްވާށޭ. ރަނޑު ދެ މިނިސްޓަރުންނަށް ކަމެއް ނުވިއޭ. މިކަންތައް ކާމިޔާބުކޮށްދިނުމަށް ސާމީ ކައިރީ އައްބާސް އެދުނު،" ޝަރުއީ ދާއިރާގެ އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފިނަމަ މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެ ކޯޓުން އެފަދައިން ނިންމުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެޖީ އުޝާމަށް ގުޅުވައި އެކަމާ ހިތްހަމަނުޖެހުންފާޅުކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުމުގެ މަސައްކަތް ފެށުނީ ރައީސް މުއިއްޒާއި އުޝާމްގެ ފޯން ކޯލްގައި ދެކެވުނު ވާހަކަތަކަށްފަހު އެވެ.

ރައީސް މުއިއްޒު ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވަމުން ގެންދަވާތީ އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވެސް ވަނީ އިސްތިއުފާދެއްވާފަ އެވެ. ސުއޫދު ޖޭއެސްސީއަށް ފޮނުވި އިސްތިއުފާގެ ސިޓީގައިވާގޮތުން ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވަނީ ރައީސް މުއިއްޒާއި އޭޖީ އުޝާމާއި ޖޭއެސްސީގެ ރައީސް ހުސައިން ރިޒާގެ އިތުރުން އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.