މަޖިލިސް މެންބަރުންނާއި އެމީހުންގެ އާއިލާއަށް ރާއްޖެއިން ބޭރުން ލިބޭ ހިލޭ ބޭސްފަރުވާ ކުރުމުގައި މެންބަރުންގެ އަތުން ހަރަދުކޮށް ފައިސާ ފަހުން ލިބޭ ގޮތަށް އޮންނަ އޮތުން ބަދަލުކުރުމަށް އެލައިޑް އިންސުއަރެންސްގައި އެދެން ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފި އެވެ.
މިދިޔަ ހަފްތާގައި ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި މިގޮތަށް ފާސްކޮށްފައި ވަނީ ބޭރު ގައުމުތަކުން ބޭސްފަރުވާ ކުރުމުގައި މިހާރު އެ މެންބަރުން ރީއިމްބާސް ކުރަން ޖެހި، ދަތިޔަކެއް ކުރިމަތިވާ ކަމަށް މެންބަރުންގެ ފަރާތުން ޝަކުވާ ލިބޭތީ ކަމަށް ބުނެފައިވެ އެވެ.
ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައި ވަނީ، ރީއިމްބާސް ކުރާ ގޮތަށް ހިދުމަތް ހޯދައި އަމިއްލަ ޖީބުން އެ ފައިސާ ދެއްކުމަށް ފަހު، އެ އަދަދަށް ފައިސާ އަނބުރާ އެލައިޑުން ދޭން ދެކޮޅު ހަދާތީ ކަމަށް ބުނެ އެވެ.
މިދިޔަ ހަފްތާގައި ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އެލައިޑުގައި އެގޮތަށް އެދެން ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ދީދީ (އައިބީ) އެވެ.
މިގޮތަށް ހުށަހަޅުއްވަމުން މެންބަރު އައިބީ ވިދާޅުވީ އެލައިންޑުން މިހާރު ފޯރުކޮށްދޭ ހެލްތް އިންސުއަރެންސް އިތުރުކުރުމަށް ތާއީދު ކުރައްވާ ކަމަށާއި ނަމަވެސް މިހާރު އޮންނަ ގޮތަށް ރިއިމްބާސް ކުރުމުގެ އުސޫލުގެ ބަދަލުގައި މެންބަރުންނަށް އިންސުއަރެންސް ކާޑެއް ތައާރަފުކުރަން އެލައިޑްގައި އެދުމަށެވެ.
މުއްދަތު އިތުރު ކުރާނީ، މަޖިލީހުގެ ބަޖެޓުގައި ހިމެނިފައިވާ އަދަދަށް އިތުރު ބަދަލެއް ނުގެނެސް މަޖިލިސް މެންބަރުންނަށް މިހާރު ވެސް ލިބެމުންދާ މެޑިކަލް އިންޝުއަރެންސް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އައިބީގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ. އެ ހުށަހެޅުން ފާސްވެފައި ވަނީ އެ ދުވަހުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންނެވި 11 މެންބަރުންގެ ތެރެއިން 8 މެންބަރުންގެ ތާއީދާ އެކު އެވެ.
ކޮމިޓީގެ ނިންމުމުގައިވާ ގޮތުން މެންބަރުންނަށް ހާއްސަކޮށްގެން ތައާރަފް ކުރަން އެދޭ އިންޝުއަރެންސް ކާޑަކީ އެ ހިދުމަތަކަށް ކަނޑައެޅިފައިވާ މިންވަރު ހުސްވަންދެން ބޭނުން ކުރެވޭނެ ގޮތަށް އިންތިޒާމްވެފައިވާ ކާޑެކެވެ.