މާލޭގެ ރަސްފަންނު މަރާމާތު ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށް ފަހު ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން އެތަން ވަގުތީ ގޮތުން އާންމުންނަށް މި ހަފުތާގައި ހުޅުވާލައިފި އެވެ.
އެތަން މަރާމާތަށް ބަންދުކުރީ މިދިޔަ މަހުގެ 14 ވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އާއިލާއާ އެކު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެ ތަނުގެ ހާލަތު ވަޒަން ކުރެއްވުމަށްފަހު އެ މަނިކުފާނުގެ އެންގެވުމަށެވެ.
ރަސްފަންނު ކުރިއަށްވުރެ ފުރިހަމައަށް ތަރައްގީކޮށްދެއްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވުމާ ގުޅިގެން ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ވަގުތީގޮތުން ކުރަންހުރި ކަންކަން ކަމާބެހޭ އިދާރާތަކުން ވަނީ ކޮށްފަ އެވެ.
މަރާމާތުގެ މަސައްކަތަށް ރަސްފަންނުން ބައެއް ބަންދުކޮށްފައި ވަނީ މިދިޔަ މަހުގެ ފަހުކޮޅެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާން މަހު ރަސްފަންނު ބޭނުން ކުރެވޭނެ ގޮތެއް ހެދުމަށްޓަކައި އެ ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ޕަބްލިކް ވާކްސް މިނިސްޓްރީން ވަނީ ކޮށްފަ އެވެ. އަދި އެތަނުގައި ހުރި ހަޓުތަކާއި، ބާބަކިޔު ސްޓޭންޑްތަކާއި، ފެންމާގަނޑުތަކާއި، މޫދަށް އެރޭ ސަރަހައްދު ކަމާބެހޭ މިނިސްޓްރީތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެހީތެރިކަމާއެކު ވަނީ ކޮށްފަ އެވެ.
މާފަންނުގައި ތަރައްގީކޮށްފައިވާ ރަސްފަންނަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައުސިން މިިނިސްޓްރީގެ ބެލުމުގެ ދަށުން މާލޭގެ ރައްޔިތުންގެ ހިތްފަސޭހައަކަށް 2016 ވަނަ އަހަރު ތަރައްގީކުރި ތަނެކެވެ.
އެގޮތުން އެތަނުގައި ޢާއިލާއާއެކު ހިތްހަމަޖައްސާލަން ތިބޭވޭނެ ޖޯލިފަތިތަކާއި ހޮޅުއަށިތަކުގެ އިތުރުން މަސް ބާނަންދާ މީހުންނަށް ހާއްސަ ހަޓަކާއި ބާބަކިއު ހަދަން ތިބެވޭނެ އިންތިޒާމުތައް ވަނީ ގާއިމްކޮށްފަ އެވެ. މީގެ އިތުރުން އެތަނަށް ދާ ފަރާތްތަކަށް ހާއްސަކޮށްގެން ޕާކިން ޒޯނެއް ވެސް ވަނީ ހަދާފަ އެވެ.
ރަސްފަންނު ތަރައްގީކުރިފަހުން އެތަނަކީ މާލޭގެ ވަރަށް ގިނަ ރައްޔިތުން ޚާއްސަކޮށް ކުޑަކުދިންގެ މެދުގައި ވަރަށް މަގުބޫލުވި މަންޒިލެކެވެ. އާއިލާއާއި ރައްޓެހިންނާއެކު އެކި އުމުރުފުރާގެ މީހުން ދިޔައީ މިތަން ބޭނުންކުރަމުންނެވެ.