ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރުގެ އިތުރު ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަން ފަށައިފި އެވެ.

އެނގިފައިވާގޮތުގައި އެ ދެ ބޭފުޅުންގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ދެވަނައަށް ބަލަން ނިންމީ ހައިކޯޓްގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ބުނާ ބުނުމެއްގެ މައްޗަށް ބަލާ މައްސަލައެކެވެ.

އެ މައްސަލަ ބެލުމަށް ނިންމީ އިއްޔެ ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގަ އެވެ.

އެ މައްސަލަ ބަލަން ނިންމީ ދޮގު ބަޔާނެއް ހޯދައިގެން އެ ދެ ބޭފުޅުންނާ ގުޅޭގޮތުން ބަލަން އުޅުނު މައްސަލަ ކާމިޔާބުނުވުމުންނެވެ.

"ހުރިހާ"އަށް މައުލޫމާތު ހިއްސާކުރި ސަރުކާރުގެ އެކި ބޭފުޅުން ވިދާޅުވީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރުކުރީ ރޭވުމެއްގެ ތެރެއިންނެވެ. އަދި އޭނާ ހައްޔަރުކުރުމަށްފަހު އެ މައްސަލައަށް ނުފޫޒުފޯރުވި ކަމަށް ހަދައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް އެޓާނީ ޖެނެރަލް އަހްމަދު އުޝާމާއި ހޯމް މިނިސްޓަރު އަލީ އިހްސާން ލައްވައި ދުރާލައި ރޭވި ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ފަނޑިޔާރުންނާ ދެކޮޅަށް ހެއްކެއް ނުލިބުމުން އެ ދެ ބޭފުޅުން ވަނީ ޕީޖީ އައްބާސްގެ އެހީތެރިކަމަށް އެދިފަ އެވެ.

"އައްބާސް ޝަރީފް، ސާމީ ކައިރީ ބުނީ މިކަން ކޮޅެއްގައި ޖައްސައިދެއްވާށޭ. ރަނޑު ދެ މިނިސްޓަރުންނަށް ކަމެއް ނުވިއޭ. މިކަންތައް ކާމިޔާބުކޮށްދިނުމަށް ސާމީ ކައިރީ އައްބާސް އެދުނު،" ޝަރުއީ ދާއިރާގެ އޮފިޝަލް ވިދާޅުވި އެވެ.

ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފިނަމަ މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

އެ ކޯޓުން އެފަދައިން ނިންމުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެޖީ އުޝާމަށް ގުޅުވައި އެކަމާ ހިތްހަމަނުޖެހުންފާޅުކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވުމުގެ މަސައްކަތް ފެށުނީ ރައީސް މުއިއްޒާއި އުޝާމްގެ ފޯން ކޯލްގައި ދެކެވުނު ވާހަކަތަކަށްފަހު އެވެ.