އެންމެ ގިނައިން ފަނޑިޔާރުންގެ މައްސަލަ ބެލީ އެމްޑީޕީ ސަރުކާރުގައި ކަމަށް ބުނެ، އެޓާނީޖެނެރަލް އަހްމަދު އުޝާމް އެކްސްގައި ކުރެއްވި ޕޯސްޓް ރީޓްވީޓްކޮށް ސޯޝަލް މީޑިއާގައި އެ ވާހަކަ ފަތުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.

އުޝާމް މިއަދު ވަނީ ޖޭއެސްސީން މައްސަލަ ބެލިގޮތުގެ ތަފާސް ހިސާބެއް އެކްސްގައި ހިއްސާކުރައްވާފަ އެވެ. އޭގައި ބުނާގޮތުން އެންމެ ގިނައިން ފަނޑިޔާރުންގެ މައްސަލަތައް ބެލީ މިދިޔަ ސަރުކާރުންނެވެ.

އުޝާމްގެ އެ ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔަމުންނެވެ. ފާޑުކީ ބައެއް މީހުން ބުނީ ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބެލުމަކީ ސިޔާސީ މަންފާއެއް ހޯދުމަށް ހަގީގަތް އޮޅުވާލައިގެން ފަތުރަންޖެހޭ ފަދަ ވާހަކައެއްތޯއެވެ.

ޕީއެންސީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް މުއިއްޒު ވަނީ އުޝާމްގެ އެ ޕޯސްޓަށް ކޮމެންޓް ކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ރައީސް މުއިއްޒުގެ އެންގުމާއެއްގޮތަށް މަރިޔަމް ޝިއުނާ އާއި މަލްޝާ ޝަރީފް ފަދަ މީހުން އަންނަނީ އުޝާމްގެ އެ ޕޯސްޓް ސޯޝަލް މީޑިއާގައި ވައިރަލް ކުރަމުންނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަޑީގައި ހުންނަވައިގެން ސުޕްރީމް ކޯޓަށް ނުފޫޒުފޯރުވަން ކުރަމުން އަންނަ މަސައްކަތުގައި މަތިއަޅައި ފޮރުވުމަށް ސަރުކާރުގެ ވެރިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.