މައްކާގެ މަސްޖިދުލް ޙަރާމުގައި އެންމެ ގިނަ އުމްރާ ވެރިން އެއް ދުވަހެއްގައި ރެކޯޑު ކުރެވުނު ދުވަހަކަށް މިދިޔަ ބުދަ ދުވަސް ވެއްޖެ އެވެ.

ބުދަ ދުވަހު ކައުބަތުއްﷲ ގެފުޅު ހުންނަ މަސްޖިދުލް ޙަރާމަށް ގާތްގަނޑަކަށް ނުވަ ލައްކަ މީހުން ގޮސް އުމްރާ ކޮށްފައި ވެ އެވެ.

މި އިތުރުވަމުންދާ އަދަދުތަކަށް އިޖާބަދިނުމުގެ ގޮތުން، މަސްޖިދުލް ޙަރާމާއި މަސްޖިދުއް ނަބަވީގެ ކަންތައްތަކާބެހޭ އާންމު އޮތޯރިޓީން މިސްކިތުގެ މައިގޭޓުތަކުގައި ސްމާޓް ސެންސަރުތަކާއި ޒަމާނީ ކެމެރާތައް ބޭނުންކޮށްގެން މޮނިޓަރިންގ ނިޒާމެއް ވަނީ ތައާރަފްކޮށްފަ އެވެ.

މި މަޝްރޫޢުގެ މަޤްޞަދަކީ ޙައްޖުވެރިންގެ ދައުރު ވަގުތުން ވަގުތަށް ބަލައި، ކަމާބެހޭ ފަރާތްތަކާ ގުޅިގެން ތަނުގައި މީހުން ގިނަވާ ވަގުތު އެކަށީގެންވާ އިންތިޒާމްތައް ހަމަޖައްސައި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުމެވެ.

އަލަށް ހަރުކުރެވިފައިވާ ސްމާޓް ކެމެރާތަކުން ވަދެނިކުމެވާ މީހުންގެ ޙަރަކާތްތައް ދެނެގަނެވޭނެ އެވެ. މިކަމުގެ ސަބަބުން ތޮއްޖެހޭ ތަންތަން ވަގުތުން ބެލޭނެ އެވެ.

ސެންސަރުތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ހިންގާ ކެމެރާތަކުގެ އެހީގައި ޠަވާފުކުރާ ސަރަޙައްދު އަދި ޞަފާ އާއި މަރުވާ ދެމެދު ހިނގާ ސަރަޙައްދު ފަދަ މުހިންމު ސަރަޙައްދުތަކުގައި، ހާއްސަކޮށް އެންމެ ބާރު ބޮޑު ވަގުތުތަކުގައި، ޙައްޖުވެރިން ބެހިގެންދާ ގޮތް ބެލެހެއްޓުމަށް އެހީތެރިވެދެ އެވެ.

ވަގުތުން ވަގުތަށް ލިބޭ މަޢުލޫމާތާއި ކުރީގެ މަޢުލޫމާތުތަކަށް ބަލައިގެން، އަޅުކަންކުރާ މީހުން ވަދެނިކުތުން އޮމާންކޮށް ކުރިއަށްދާނެކަން ޔަޤީންކުރުމަށްޓަކައި ސްޓްރެޓެޖިކް ނިންމުންތައް ނިންމުމަށް މި ނިޒާމުން މަގުފަހިކޮށްދެ އެވެ. މި ނިޒާމު ހަރުކުރާ ތަންތަން މަޑުމަޑުން އިތުރުކުރަމުން ގެންދިއުމުގެ ޕްލޭންތައް ވެސް އެކުލަވާލާފައި ވެ އެވެ.

މި ފިޔަވަޅަކީ ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރުމުގެ ތަޖުރިބާ ބެލެހެއްޓުމުގައި ޓެކްނޮލޮޖީ ބޭނުންކުރުމާއި، ޒިޔާރަތްކުރާ މީހުންނަށް އެންމެ މަތީ ފެންވަރެއްގައި ރައްކާތެރިކަމާއި އިންތިޒާމު ހަމަޖެއްސިފައިވާކަން ކަށަވަރުކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އެކަން އިންތިޒާމުކުރާ އޮތޯރިޓީން ބުނެ އެވެ.