ސަރުކާރުން އެމްއެމްއޭއަށް އެޗްޑީސީން ބިމެއް ވިއްކުމުގެ ނަމުގައި ފައިސާ ޗާޕްކުރަން އުޅޭ މައްސަލައިގައި މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރު ކޮށްލައިފި އެވެ.
އެމްޑީޕީއަށް ނިސްބަތްވާ ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ހުށަހެޅުއްވި މި ކުއްލި މައްސަލަ ބަލައި ނުގަތުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ ނިންމަވާފަ އެވެ.
މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައިގައި ހުންނަންޖެހޭ ޝަރުތު ހަމަނުވާ ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފަ އެވެ.
ނިއުޝާދުގެ ކުއްލި މައްސަލައިގައި ބުނެފައި ވަނީ އެމްއެމްއޭގެ އޮފީސް ހިންގުމަށް ކޮންމެހެން ބޭނުންވާ މިންވަރަށް ވުރެ އިތުރަށް އިމާރާތްތަކާއި ބިންތައް ހޯދާންޖެހޭނެ އެއްވެސް މަގުބޫލު ސަބަބެއް ނެތް ކަމަށާއި އެފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ ދައުލަތުގެ ފިސްކަލް ޒިންމާގެ ގާނޫނުގައި ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ހިލާފު ކަމެއް ކަމަށެވެ.
މި ގޮތަށް ސަރުކާރަށް ފައިސާ ހޯދުމަކީ މި އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓާވެސް ހިލާފު ކަމެއް ކަމަށާއި މަޖިލީހުގެ ހުއްދަ ހޯދުމަކާއި ނުލައި ނުވަތަ ރައްޔިތުންގެ މަޖިލީހަށް އެންގުމަކާއި ނުލައި ކުރާ ކަމެއް ކަމަށް ބުނެފައިވެ އެވެ.
މިގޮތަށް ފައިސާ ޗާޕުކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިންތިހާއަށް މަތިވުމުގެ ނަތީޖާއެއްގެ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް ނުހަނު ބޮޑަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިއުޝާދުގެ ކުއްލި މައްސަލައިގައި ވެ އެވެ.
ރައީސް މުހައްމަދު މުއިއްޒު ވަނީ ރިޔާސީ އިންތިހާބު ދުވަސްވަރު އަދި އިންތިހާބުވެވަޑައިގަތުމަށް ފަހުވެސް ފައިސާ ޗާޕް ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެމްއެމްއޭއަށް ބިމެއް ގަތުމުގެ ނަމުގައި 14 ބިލިއަން ރުފިޔާ ޗާޕްކުރަން އެމްއެމްއޭގެ ބޯޑުން ނިންމާފައިވާ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. މިކަމާއި ގުޅިގެން އެމްއެމްއޭއާ ސަރުކާރުން މިހާތަނަށް ބަހެއް ބުނެފައިނުވެ އެވެ.