އެއީ މީލާދީން 1602 ވަނަ އަހަރުން ފެށިގެން ގާތްގަނޑަކަށް ފަސް އަހަރުގެ ދިގު ތާރީޚެކެވެ. ރާއްޖޭގެ ތަޚުތުގައި ރެނދަލި ކުރައްވަމުން ގެންދެވީ ރާއްޖެ ޕޯޗްގީޒުންގެ އަތް ދަށުން ސަލާމަތް ކޮށްދެއްވި އަލްޣާޒީ މުހައްމަދު ތަކުރުފާނުގެ ދަރިކަލުން އިބްރާހިމް ކަލާފާނެވެ. ފްރޭންސިއަސް ޕިރާޑަށް ރާއްޖެ، އާދެވުނީ އޭނާ ދަތުރު ކުރި ކޯބިން ކިޔާ ނައު ބ. އަތޮޅުގެ ފަރަކަށް އުރުމުގެ ސަބަބުންނެވެ. ނާ، އުރުމުގެ ސަބަބުން ރާއްޖޭގައި ޕިރާޑު ހުރީ ރަސްގެފާނުގެ ޚާއްސަ މެހްމާނެއްގެ ގޮތުގަ އެވެ. ރަސްގެފާނު އޭނާ ދެކެ ވަރަށް ލޯބިފުޅުވެ ވަޑައިގެންނެވި އެވެ. ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދެއްވި އެވެ. އެހެން ނަމަވެސް ޕިރާޑް އެންމެ ބޮޑަށް ބޭނުންވި ކަން ކަމަށްވާ ރާއްޖެއިން ފުރުމުގެ ހުއްދައެއް ރަސްގެފާނު އޭނާއަކަށް ނުދެއްވި އެވެ.

ރާއްޖޭގައި ޕިރާޑް ހޭދަކުރި ދުވަސްތަކުގައި ރާއްޖެއިން އޭނާ ދުށް ހުރިހާ ކަމެއް ވަރަށް ތަފުސީލުކޮށް ފޮތެއްގެ ސިފައިގައި ލިޔެފައިވެ އެވެ. އެފޮތުގައި ރާއްޖޭގައި ރޯދަ މަހުގެ އާދަކާދަތައް ހުންނަ ގޮތް ވެސް އޮތީ ލިޔެފައިވެ އެވެ. އޭގެ ތެރެއިން މިލިއުމުގައި ފާހަގަ ކޮށްލާނީ އެޒަމާނުގެ ޒުވާނުން ރޯދަ މަހުގައި ކަންތައްކޮށް އުޅޭ ގޮތަށެވެ.

ރާއްޖެއާ ބެހޭ ގޮތުން ޕިރާޑް ލިޔުނު ފޮތުގައިވާ ގޮތުގައި އެ ޒަމާނުގައި ރޯދަ މަހުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ވަރަށް ގަދަޔަށް އޮވެ އެވެ. ރޯދަ މަހަށް ޚާއްސަ ކަންތަކުގެ ތެރޭގައި ރަދުންނާއި ބޮޑުން ދެއްވާ ޖާފަތާއި ރޭގަނޑު ވައުޟު ބުނުމާއި ތަފާތު ބާވަތްބާވަތުގެ ކާނާ ތައްޔާރުކުރުމާއި އެއްގެއިން އަނެއް ގެއަށް ހަދިޔާ ބެހުމުގެ ވާހަކަތަކަށް ފަހު ދެ ޖިންސުގެ ކުދިން ހިންގާ ލޯބީގެ ހަރަކާތްތަކުގެ ވާހަކަ ވެސް ލިޔެފައިވެ އެވެ. ޕިރާޑު ބަޔާންކޮށްފައިވާ ގޮތަކީ ރޯދަ މަހަކީ މިފަދަ ހަރަކާތްތަށް ރާއްޖޭގައި އެންމެ ގިނައިން ހިނގާ މަހެވެ.

ޕިރާޑު ސިފަކޮށްފައިވާ އެޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ ހަރަކާތްތައް ހުރި ގޮތާއި މިހާރުގެ ޒުވާނުންގެ އުޅުމާ އަޅާ ބަލާއިރު ޒަމާނަށާއި ޓެކްނޮލޮޖީއަށް އައި ބަދަލުތައް ފިޔަވައި މާބޮޑު ބަދަލެއް އައިސްފައިވާ ހެނެއް ހިޔެއް ނުވެ އެވެ.

ދިވެހި ޒުވާން އަންހެން ކުދިންނާއި ފިރިހެން ކުދިން ލޯބީގެ ގުޅުން ބަދަހިކުރުމަށް ކުރާ ކަންތައްތަކުގެ ތެރޭގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ޕިރާޑު ފާހަގަކޮށްފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ޅެން ފޮނުވުމެވެ. އެ ޅެންތައް ޕިރާޑު ސިފަކޮށްފައިވާ ގޮތަށް ބަލާއިރު އެއީ ރައިވަރެވެ. އެ ދުވަސްވަރު ރައިވަރު ލިޔެ އުޅުނީ ރުކުގެ ބޮންތި ފަންވަތުންނެވެ. ޕިރާޑު ބަޔާންކުރާ ގޮތުގައި އެއީ ކަރުދާސްހާ ހުދު އެއްޗެކެވެ. އެހެންކަމުން އެ ފަންވަތް ވާނީ ބޮނތީގެ ވެސް އެންމެ ޅަ ފަންވަތަށެވެ.

ރުކުގެ ބޮންތީގެ އެންމެ ޅަ ފަންވަތުގައި އެކަމަށްޓަކައި ތައްޔާރުކޮށްފައި ހުންނަ ކައްޓަކުން ރައިވަރު ލިޔެފައި އެއްބަޔަކު އަނެއް ބަޔަކަށް ފޮނުވަނީ އެވެ. ފިރިހެން ކުދިން ތަފާތު ބާވަތްތަކުގެ މީރު ވަސްދުވާ މާތައް ބިނދެގެން ރީތި މާފަތިތައް ގަތައި އަންހެން ކުދިންނަށް ފޮނުވަ އެވެ. ބަދަލުގައި އަންހެން ކުދިން ފޮނުވާނީ ހެދި ބިލެތެވެ. އެ ބިލެތަކީ ވެސް ވަރަށް ފަރުވާތެރިކަމާއެކު ވަކި ޑިޒައިނަކަށް ކަފާފައި ހުންނަ ބިލެތް ގަނޑަކަށް ފޯކާއި ހުނި ލުމަށްފަހު ވަކި ގޮތަކަށް ފަށް ޖަހައިފައި ހުންނަ އެއްޗެކެވެ.

ރޯދަ މަހުގެ ލޯބީގެ މެސްޖްތަކާއި ހަދިޔާ ފޮނުވައި އުޅުމަށް ފަހު ދެކުއްޖެއްގެ ލޯބީގެ ގުޅުން ބަދަހިވެ، ކައިވެންޏަކާ ހަމަޔަށް ހިނގައްޖެ ނަމަ އެކައިވެނި ކުރާނީ ރޭގަނޑުގެ ވަގުތެއްގަ އެވެ. ޕިރާޑުގެ ދުވަސްވަރު ރޯދަ މަހުގެ ދުވާލު ކައިވެނިކުރުމަކީ ރާއްޖޭގައި ކޮށްއުޅޭ ކަމެއް ނޫނެވެ. ރޯދައިގެ ހުރުމަތެއްގެ ގޮތުންނެވެ.

މި ޒަމާނަށް ބަލާއިރު ޓިކްޓޮކާއި އިންސްޓަގްރާމާއި ސްނެޕްޗެޓްގައި ޒުވާނުންކޮށް އުޅޭ މުއާމަލާތެކޭ އެއްފަދައިން އޭރުގެ ޒުވާނުންކޮށް އުޅުނީ ރައިވަރު ލިޔެ ފޮނުވުމާއި މާބޮޑި ގަތާފައި ފޮނުވުމާއި ހެދި ބިލެއް ފޮނުވުން ފަދަ ކަންތަކެވެ. ޒަމާނަށް އައި ބަދަލާއެކު ބަދަލުވީ ޓެކްނޮލޮޖީއާއި ވަސީލަތްތަކެވެ. އުޅުން ގުޅުން ހަމަ ކުރިއެކޭ އެއްގޮތެވެ.