ފަލަސްތީނުގެ ރައްޔިތުން ޣައްޒާއިން އިރުމަތީ އެފްރިކާއަށް ބަދަލުކުރަން އެމެރިކާ އާއި އިޒްރޭލުން މަޝްވަރާ ކުރަމުންދާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުންނާއި ހަވާލާދީ އެސޯސިއޭޓެޑް ޕްރެސް ނިއުސް އޭޖެންސީއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާ އާއި އިޒްރޭލުން ވަނީ އިރުމަތީ އެފްރިކާގެ ތިން ސަރުކާރަކާއެކު، ޣައްޒާގެ ފަލަސްތީނު ރައްޔިތުން ސޫދާނާއި، ސޯމާލިއާ އަދި ވަކިވެފައިވާ ސަރަހައްދު ކަމުގައިވާ ސޯމާލިލޭންޑަށް މަޖުބޫރުން ބަދަލުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފަ އެވެ.

ރިޕޯޓުގައި ބުނެފައިވާ ގޮތުން، ސޫދާނުގެ އޮފިޝަލުން ބުނެފައިވަނީ އެމެރިކާއިން ހުށަހެޅި ހުށަހެޅުން އެމީހުން ދެކޮޅުހަދާފައިވާ ކަމަށެވެ. އަދި ސޯމާލިއާ އާއި ސޯމާލިލޭންޑުގެ އޮފިޝަލުން ބުނެފައިވަނީ އެގައުމާއި އެއްވެސް މަޝްވަރާއެއް ކުރިކަން އެނގިފައި ނުވާކަމަށެވެ.

ސިއްރު ޑިޕްލޮމެޓިކް މުޢާމަލާތެއްގެ ވާހަކަ ދައްކަމުން، އެމެރިކާ އާއި އިޒްރޭލުގެ އޮފިޝަލުން ސޯމާލިއާ އާއި ސޯމާލިލޭންޑާއެކު މަޝްވަރާ ކުރިކަމަށް ވަނީ ބުނެފަ އެވެ. އަދި އެމެރިކާގެ އޮފިޝަލުން ސޫދާނާއެކުވެސް މަޝްވަރާކޮށްފައިވާ ކަން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމީހުން ބުނެފައިވަނީ މި މަސައްކަތްތަކުން ކިހާ ކުރިއެރުމެއް ލިބިފައިވާކަން ނުވަތަ މަޝްވަރާތައް ހިނގާފައިވަނީ ކޮން ފެންވަރެއްގައިކަން ސާފުނުވާ ކަމަށެވެ.

މިކަން ހާމަވެފައި މިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަލަސްތީނުގެ މީހުން މަޖުބޫރުން އެހެން ތަނަކަށް ބަދަލުކޮށް ޣައްޒާ "ހިފުމުގެ" ހިޔާލު ހުށަހެޅިތާ އެއް މަސް ފަހުންނެވެ މި ޚިޔާލަށް ފަލަސްތީނުގެ މީހުންނާއި މެދުއިރުމަތީގެ ޤައުމުތަކުން ވަނީ ވަރަށް ބޮޑަށް ދެކޮޅުހަދާފަ އެވެ. އަދި ގިނަ ބަޔަކު މިކަން ސިފަކޮށްފައިވަނީ ނަސްލީ ސާފުކުރުމެއްގެ ގޮތުގަ އެވެ.

އެމެރިކާ އާއި އިޒްރޭލުން ވަކިވަކިން އެ ތިން ގައުމާއި މަޝްވަރާ ފަށާފައިވަނީ ޓްރަމްޕް ނަތަންޔާހޫއާއެކު ޣައްޒާގެ ޕްލޭން ހުށަހެޅި ބައްދަލުވުމަށް ފަހުކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފައިވެ އެވެ. އަދި އެމީހުން ބުނެފައިވާ ގޮތުގައި މަޝްވަރާތަކުގައި އިޒްރޭލުން ވަނީ އިސްދައުރެއް އަދާކޮށްފަ އެވެ.

މި ރިޕޯޓާ ގުޅޭގޮތުން އެމެރިކާ އަދި އިޒްރޭލުން އެއްވެސް ރަސްމީ ބަހެއް ބުނެފައިނު ވެ އެވެ.

ނަމަވެސް އިޒްރޭލުގެ މާލިއްޔަތު ވަޒީރު ބެޒަލެލް ސްމޮޓްރިޗް، މި ހަފްތާގައި ބުނެފައިވަނީ އިޒްރޭލުން މަސައްކަތްކުރަމުންދަނީ ފަލަސްތީނުގެ މީހުން ބަލައިގަންނާނެ ޤައުމުތަކެއް ދެނެގަތުމަށް ކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އިޒްރޭލުގެ ދިފާޢީ މިނިސްޓްރީގެ ދަށުން "ހިޖުރަކުރުމުގެ ޑިޕާޓްމަންޓެއް" ތައްޔާރުކުރަމުންދާ ކަމަށެވެ.

ކޮލޯނިއަލް ތަރިކައިގެ ސަބަބުން އަދިވެސް ހަނގުރާމައާއި ހަމަނުޖެހުމުގެ ތެރޭގައިވާ ސޫދާނާއި ސޯމާލިއާ އަށް ބަދަލުކުރެވޭ ފަލަސްތީނުގެ މީހުން ބަލައިގަންނަ ނަމަ ބަދަލެއްގެ ގޮތުން، އިރުމަތީ އެފްރިކާގެ ސަރުކާރުތަކަށް އެކި ބާވަތުގެ މާލީ، ޑިޕްލޮމެޓިކް އަދި ސަލާމަތީ އިނާޔަތްތައް އެމެރިކާއިން ހުށަހެޅާނެ ކަމަށް ބެލެވެ އެވެ.