މަސްޖިދުލް އަގްސާގައި އިއްޔެ އޮތް ފިތުރު އީދު ނަމާދުގެ ޖަމާއަތުގައި 120،000 އަށްވުރެ ގިނަ މީހުން ބައިވެރިވި ކަމަށް ގުދުސްގެ އިސްލާމިކް ވަގްފް ޑިޕާޓްމަންޓުން ބުނެފި އެވެ.
މިސްކިތުގެ ވަށައިގެން ގިނަ އަދަދެއްގެ އިޒްރޭލު ސިފައިން ހަރަކާތްތެރިވި ނަމަވެސް އެކަމަށް ފަރުވާލެއް ނެތި ގިނަ މުސްލިމުންތަކެއް ވަނީ އަގްސާ މިސްކިތަށް ނަމާދަށް ގޮސްފަ އެވެ. އެގޮތުން އެ މިސްކިތުގެ އީދު ނަމާދު ޖަމާއަތަށް ދިޔަ ބައެއް މީހުން އިޒްރޭލުގެ ސިފައިން ހުއްޓުވާފައިވާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
މަސްޖިދުލް އަގްސާގައި އޮތް ފިތުރު އީދު ނަމާދުގެ ހުތުބާ އަމާޒު ކޮށްފައިވަނީ ޣައްޒާގައި އިޒްރޭލުން ހިންގަމުން އަންނަ ގަތުލު އާއްމަށެވެ.
ޣައިރު މުސްލިމުންގެ އަނިޔާވެރިކަން ހައްދު ފަހަނައަޅާފައިވާ މި ދަނޑިވަޅުގައި ކެތްތެރިކަން އިސްކޮށް މާތް ﷲއަށް ވަކީލު ކުރަން އެ ހުތުބާގައި ފަލަސްތީނުގެ ރައްޔިތުންނަށް ގޮވާލާފައިވެ އެވެ.
އިއްޔެއަކީ އިޒްރޭލުގެ ހަމަލާތައް ފަލަސްތީނަށް އަމާޒު ކުރަން ފެށި ފަހުން ޖެހިޖެހިގެން އައި ތިންވަނަ އީދުކަން ފާހަގަ ކޮށްލެވެ އެވެ.