އއ. ރަސްދޫގައި މިދިޔަ ހަފުތާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ދެ މީހުންގެ ތެރެއިން އަންހެން މީހާ މަރުވެއްޖެ އެވެ.

ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ޒަޚަމްވި 31 އަހަރުގެ އެ ދެ މީހުންގެ ވެސް ހަށިގަނޑުގެ ބޮޑު ބައެއް ވަނީ ފިހިފަ އެވެ. އެގޮތުން، އަންހެން މީހާގެ ހަށިގަނޑުގެ 83 ޕަސެންޓް އަދި ފިރިހެން މީހާގެ 78 ޕަސެންޓް ވަނީ ފިހިފަ އެވެ.

އައިޖީއެމްއެޗުން ބުނީ އެ އަންހެން މީހާއަށް ފަރުވާދެމުން ދަނިކޮށް މިރޭ އިރާކޮޅުގެ ވަގުތެއްގައި މަރުވެފައިވާ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގަ އެވެ. އަދި އެ ދެ މީހުންނަށް ފަރުވާދިނުމަށް ބޭރުގެ 'ބާން ސްޕެޝަލިސްޓުން'ގެ ދެ މީހަކު ރާއްޖެ އައިސްފައިވެ އެވެ.

އައިޖީއެމްއެޗުން ބުނީ އެ ޑޮކްޓަރުންގެ ޓީމުން މިހާރު ފަރުވާ ފަށާފައިވާ ކަމަށެވެ.

އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގަ އެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ.

މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.