ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ލިބޭ މުސާރައާއި ބައެއް އިނާޔަތްތައް ކުޑަކުރަން ގޮވާލައި އޮންލައިން ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ.

އާންމުންގެ ބަޔަކު ފަށާފައިވާ މި ޕެޓިޝަނުގައި ގޮވާލާފައިވަނީ މެންބަރުންގެ މުސާރަ ކުޑަކޮށް، ކޮމިޓީ އެލަވަންސް އުނިކުރުމުގެ އިތުރުން މެންބަރުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް މިހާރު ދޭ ހާއްސަ ހެލްތު އިންޝުއަރެންސް ކަނޑާލާ، ކުރިން މެންބަރުކަން ކުރި ފަރާތްތަކަށް ދޭ އެލަވަންސް ކަނޑާލުމަށެވެ.

ގައުމުގެ އިގުތިސާދީ ހާލަތު ދަށްވެ އާންމުންގެ ދިރިއުޅުމުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ގޯސްވަމުންދާ މި ދަނޑިވަޅުގައި މަޖިލިސް މެންބަރުންނަށް ދައުލަތުން ދޭ އާމްދަނީ ދަށް ކުރަން ޖެހޭ ކަމަށް އެ ޕެޓިޝަން ފެށި ފަރާތުން ފާހަގަކޮށްފައިވެ އެވެ.

މަޖިލީހުގެ މެންބަރުންނަށް މުސާރައިގެ ގޮތުގައި މިހާރު ލިބިވަޑައިގަންނަވަނީ 62،500 ރުފިޔާއާއި، ކޮމިޓީ އެލަވަންސްގެ ގޮތުގައި 20،000 ރުފިޔާއާ އެކު ޖުމްލަ 82،500 ރުފިޔާ އެވެ. މީގެ އިތުރުން މެންބަރުންނާއި އާއިލާއަށް ހެލްތު އިންސުއަރެންސް އަށްވެސް ދައުލަތުން ހަރަދުކުރެ އެވެ.

މީގެ ކުރިންވެސް މަޖިލިސް މެންބަރުންގެ މަސައްކަތާއި ނުބައްދަލު މުސާރަ ދިނުމާއި ދެކޮޅަށް ގިނަ ބަޔަކު އަޑު އުފުލާފައިވެ އެވެ. އަދި މިދިޔަ އަހަރު މަޖިލިސް ތެރޭގައި މެންބަރުންގެ މުސާރައާ ގުޅޭ ގޮތުން ބަހުސް ކުރެވުނު އިރު، ގިނަ މެންބަރުންތަކެއް ވަނީ މުސާރަ ކުޑަކުރުމާއި ދެކޮޅު ހައްދަވާފަ އެވެ. އޭގެ ތެރޭގައި ވިޔަފާރި ވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްއާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ހިމެނިވަޑައިގަންނަވަ އެވެ.