ކޮވިޑްގެ ކޭސްތަކެއް ފެނިގެން މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ޅ. ނައިފަރުގެ ހާލަތު ދެނެގަތުމަށްޓަކައި 1،022 މީހެއްގެ ސާމްޕަލް ނަގައިފި އެވެ.

ޅ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަ ހެލްތު ސާވިސަސް ޖައުފަރު އަބްދުﷲ ވިދާޅުވީ އެރަށުގައި ކޮވިޑް ފެތުރިފައިވާ މިންވަރު އެނގިގެންދާނީ ރަށުގެ އެކި ސަރަހައްދުތަކުން ނެގި 1،022 ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބުމުން ކަމަށެވެ.

މިހާތަނަށް އެރަށުން 31 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރޭގައި މިއަދު ޕޮޒިޓިވްވި 17 މީހުން ވެސް ހިމެނޭ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ އެރަށުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ މީހަކު ހިމެނޭ ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން 59 އަހަރުގެ އަންހެނަކަށް މިވަގުތު ފަރުވާ ދެމުން އަންނަނީ ބ. އޭދަފުށީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮވިޑްގެ ފުރަތަމަ ކޭސް މި މަހުގެ 23 ވަނަ ދުވަހު ރަށުން ފެނުނީ ރ. އުނގޫފާރަށް ދަތުރުކޮށްފައިވާ މީހެއްގެ ފަރާތުންނެވެ.

މީގެއިތުރުން ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވާ އެރަށު "ލޭނާރު" ނަކަމަށް ކިޔާ ދޯންޏަކުން ތިން މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ދޯނި މިހާރު ވަނީ ނައިފަރުގެ ބަނދަރުގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދޯނި ދަތުރުކޮށްފައި ވަނީ ޅ. ފެލިވަރުގެ އިތުރުން ހއ. ހޯރަފުށި، ހއ. އިހަވަންދޫ، ހއ. އުލިގަމު، ހދ. ނޭކުރެންދޫ، ނ. ވެލިދޫ އަށް ކަމަށް ޖައުފަރު ވިދާޅުވި އެވެ.

ނައިފަރު ކައުންސިލްގެ ރައީސާ ވިދާދު އަބްދުﷲ މިރޭ ވިދާޅުވީ އެރަށުގައި މިހާބޮޑަށް ކޮވިޑްގެ ނުރައްކާތެރިކަން އޮތްއިރުވެސް، ރައްޔިތުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ދެކެމުން އަންނަ ކަމަށާއި އެކަމާ ހިތާމަކުރައްވާ ކަމަށެވެ.

ބަލި ފެތުރިފައިވާ ގޮތަށް ބަލާއިރު، ހައިރިސްކު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުން އެ ބަލީގައި މަރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވާތީ އެކަމަށް ސަމާލުވެ، އެޗްޕީއޭގެ އެންގުންތަކަށް ތަބާވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ވިދާދު ފާހަގަކުރެއްވި އެވެ.