90،000 އެއްހާ ދަރިވަރުންނާ އެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި އެވެ.
ސްކޫލުތަކުގެ ކިޔެވުން މިއަދު ފެށިއިރު 84،000 ދަރިވަރުން ކިޔަވަނީ ސަރުކާރުގެ 217 ސްކޫލުގަ އެވެ.
ސްކޫލުތަކުގައި މިއަހަރު 11،000 އެއްހާ ޓީޗަރުން ކިޔަވައިދެމުންދާއިރު ސަރުކާރު ސްކޫލުތަކުގައި 10،000 މުދައްރިސުން ކިޔަވައިދެ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިއަހަރު ވެސް މާލޭގެ ސްކޫލްތަކުގައި ކިޔަވާދަރިވަރުންގެ އަދަދު ނިސްބަތުން އިތުރެ އެވެ. އެގޮތުން މާލެ ސަރަޙައްދުގައި ހުރި 19 ސްކޫލްއެއްގައި އާބާދީގެ 33 ޕަސެންޓް ދަރިވަރުން މި ދިރާސީ އަހަރުގައި ކިޔަވަމުންދާނެ އެވެ. އަދި 21 ޕަސެންޓް މުވައްޒަފުން މާލޭގެ ހުރި ސްކޫލްތަކުގައި މަސައްކަތް ކުރާނެ އެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރު މާލޭ ސަރަހައްދުގެ ގްރޭޑް 1 އަށް 2،000 އަށް ވުރެ ގިނަ ދަރިވަރުން އަލަށް ވައްދާފައިވެ އެވެ. މުޅި ރާއްޖެއިން 5،000 އަށް ވުރެ ގިނަ ކުދިން މި އަހަރު ވަނީ ގްރޭޑް 1 އަށް ވައްދާފަ އެވެ.
އަތޮޅު ތެރޭގެ ސްކޫލުތަކުން މާލެ ސަރަހައްދުގެ ސްކޫލުތަކަށް ބަދަލުވި ކުދިންނަށް ބަލާއިރު މިއަަހަރު އެ އަދަދު 1،200 އަށް ވުރެ ގިނަ އެވެ. އަދި އަތޮޅުތެރޭގެ އެއް ސުކޫލުން އަނެއް ސްކޫލަށް 500 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވެ އެވެ.
ދިރާސީ އަހަރު މިއަދު ފެށިގެން ދިޔައިރު ކޮންމެ 8 ކުއްޖަކަށް ޓީޗަރަކު ހުންނާނެ ކަމަށް އެޑިޔުކޭޝަނުން ބުނެ އެެވެ.