ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ހަނިމާދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުޖްތާޒު އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 180 ވަނަ މާއްދާގެ (ށ) އާއި ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުގެމަތިން، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހުގެ ތަޅުމުގައި އިއްވި އެވެ.
ސީއެސްސީގެ މެންބަރު ގޮނޑިއެއް ހުސްވެފައި ވަނީ އެ ކޮމިޝަންގެ ނައިބު ރައީސް އިބްރާހިމް ރަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
މި މައްސަލަ ދިރާސާކޮށް ރުހުން ދިނުމާމެދު ގޮތެއް ނިންމުމަށް މިހާރު ވަނީ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
މުހައްމަދު މުޖްތާޒަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހަނިމާދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. އެއަށްފަހު އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރުގެ މަގާމު ފުރުއްވާފަ އެވެ.