މިފްކޯގެ ޕަބްލިކް ރިލޭޝަންސް ޑެޕިއުޓީ މެނޭޖަރުގެ މަގާމުން ވަކިކުރި އިބްރާހިމް ސައީދު (ކޭޑު) ރައީސް ޑރ. މުހައްމަދު މުއިއްޒަށް ބޮޑު ތުހުމަތެއްކޮށްފި އެވެ.

އިއްޔެ ކޭޑް ވަޒީފާއިން ވަކިކޮށްފައި ވަނީ މިފްކޯގެ ތެރޭގައި ހިންގާ ކޮރަޕްޝަންގެ މައްސަލަތަކާ ދެކޮޅަށް އޭނާ އަޑުއުފުލަމުންދާ ދަނޑިވަޅެއްގައެވެ.

މިފްކޯ ރިފޯމް ކުރަން ރައީސް މުއިއްޒު ކުރައްވާ މަސައްކަތުގެ ދަށުން ކަމަށް ބުނެ، ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ ޖެނެރަލް މެނޭޖަރުންތަކެއް ވަޒީފާއިން ވަކިކުރުމަށްފަހު އަލުން ހަމަ އެ ބޭފުޅުންނަށް ވަނީ ވަޒީފާދީފަ އެވެ.

ކޭޑް ވިދާޅުވީ މިފްކޯއަށް މަސްވެރިކަމުން ފައިދާ ނުވަނީ އެ ކުންފުނީގެ ތެރޭގައި ހިންގާ ކޮރަޕްޝަންތަކާ ހެދި ކަމަށެވެ. އަދި އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބަދަލުގައި ފެންނަނީ ސަރުކާރުން އެ ކޮރަޕްޝަންތައް ހިންގަން ޖާގަދޭ މަންޒަރު ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އެގޮތަށް ވިދާޅުވާ ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައިވާ މުވައްޒަފުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމެވެ.

މިފްކޯގެ ތެރެއަށް އަތްގަދަ ކުރަމުންދާ އެއް ބޭފުޅަކީ އެ ކުންފުނީގެ ބޯޑު މެންބަރު ސޮލާހު ޝަރީފު ކަމަށް ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

ސޮލާހު އާއި އޭނާގެ ގާތް މީހުންނަށް މަންފާވާ ގޮތަށް އުސޫލުން ބޭރުން މިފްކޯގެ ތެރެއިން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. ކުންފުނީގެ މަޤާމުތަކަށް ވެސް އައްޔަން ކުރަނީ ސޮލާހު ރުހޭ އޭނާގެ ގާތް މީހުން ކަމަށް ކޭޑު ވިދާޅުވި އެވެ.

ކޭޑް ވިދާޅުވީ އޭނާ އަކީ ބާރުގަދަ މީހެއްކަން ދެެއްކުމުގެ ގޮތުން އެކި ވާހަކަތައް ކުންފުނީގެ އެކި މުވައްޒަފުން ކައިރީ ސޮލާހު ބުނެފައިވާ ކަމަށެވެ. އެގޮތުން ރައީސް މުއިއްޒަށް ހަތް މިއަން ރުފިޔާ ދީފައިވާނެ ކަމަށާއި އެހެންކަމުން އެމަނިކުފާނަށް ޖެހޭނީ ތިމަންނާ ގުޅީމަ ފޯނު ނަގަން ކަމަށް ޗެލެންޖްކޮށްފައިވާ ސޮލާހު އެކި މުވައްޒަފުން ގާތު ބުނެފައިވާ ކަމަށް ކޭޑް ވިދާޅުވި އެވެ.

"ސޮލާހު މިހެން ވިދާޅުވާއިރު، ސަރުކާރަކަށް ނުކެރޭ އޭނައަށް ކުރެވޭ ތުހުމަތުތައް ތަހުގީގުކޮށް ފިޔަވަޅު އަޅާކަށް،" ކޭޑް ވިދާޅުވި އެވެ.

މީގެ އިތުރުން މިފްކޯއަށް ގެންނަ ބިދޭސީންގެ އަތުން ސޮލާހު އާއި އޭނާގެ ގާތް ބައެއް މީހުން ފައިސާ ނަގަމުންދާ ކޭޑް ވިދާޅުވި އެވެ. އަދި އެކަން ރައީސް މުއިއްޒާ ހިއްސާކުރުމުން އެއްވެސް ފިޔަވަޅެއް އަޅާފައިނުވާ ކަމަށް ކޭޑް ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑު ގަބޫލުކުރާގޮތުގައި މިފްކޯ ތެރޭގައި ހިންގާ ޖަރީމާތައް އެ ހިނގަނީ ރައީސް މުއިއްޒަށް ވެސް އެނގިގެން." ކޭޑް ވިދާޅުވި އެވެ.