ފާރިޝް މޫދަށް ދިޔައީ މަސް ހިފަން ވެގެން. މަސް ހިފަން ގެންގުޅުނު ދަގަނޑު ތާށިވެގެން ނަގަން ފީނިފަހުން އޭނާގެ ހަބަރެއް ނުވެގެން ދެވަނަ މީހަކު ފީނީ. ފާރިޝްގެ ހަށިގަނޑު މިރޭ 8:50 ހާއިރު ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން ވަނީ ހޯދާފައި.

ލ. ކައްދޫ އިރުމަތީ ފަރާތު މޫދަށް މިއަދު ހަވީރު ހަތަރު ސިފައިން ފޭބީ މަސް ހިފަން ކަމަށާއި ހުސެއިން ފާރިޝް ގެއްލުނީ މަސް ހިފަން ބޭނުންކުރި ދަގަނޑު ތާށިވެގެން ފީނި ފަހުން ކަމަށް އޭނާގެ އާއިލާއިން ބުނެފި އެވެ.

"ހުރިހާ"އާ މިރޭ ވާހަކަދެއްކި ފާރިޝްގެ އާއިލާގެ މީހަކު ބުނީ ސިފައިންގެ މެރިންކޯގެ ތަމްރީނެއް ހެދުމަށް ކައްދުއަށް ގޮސްހުރި ފިރުޝާން އާއި އޭނާގެ ތިން އެކުވެރިން މޫދަށް ފޭބީ އެފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ވިސްނައިގެނެއް ނޫން ކަމަށެވެ.

"ފާރިޝް އަޑިއަށް ދިޔަފަހުން ހަބަރެއް ނުވެގެން އޭގެ ތެރެއިން އެކަކު ފީނީ. ދެވަނަ އަށް ފީނި މީހާ ޕެނިކްވެގެން އޭނާ ގެނބެން ފެށުމުން އަނެއް ދެ މީހުން އޭނާ ސަލާމަތްކުރީ،" ފާރިޝްގެ އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، އެ ހާދިސާގައި މަރުވި ލާންސް ކޯޕްރަލް ފާރިޝް ސަލާމަތްކުރަން މޫދަށް ފޭބި އެކަކު ގެނބިގެން އޭނާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.

1.855655, 73.523521

ލ. މާބައިދުއަށް އުފަން އުމުރުން ގާތްގަނޑަކަށް 27 އަހަރުގެ ފާރިޝް ކައްދޫގައި މިވަގުތު ވެސް އަންނަނީ އެމެރިކާ ސިފައިންނާއެކު ތަމްރީނެއް ފުރިހަމަކުރަމުންނެވެ.

ފާރިޝްގެ ހަށިގަނޑު ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމަކުން ހޯދީ މިރޭ 8:50 ހާއިރު ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.