ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ގަންނަން ފައިސާ ދެއްކި ދުބާއީ ކުންފުނީގެ ވެރިޔާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފުލުހުންގެ ކިބައިން އެދިއްޖެ އެވެ.

ހެލްތު މިނިސްޓްރީން 2020 ވަނަ އަހަރު ވެންޓިލޭޓަރު ގަންނަން ފައިސާ ދެއްކީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށެވެ. 75 ވެންޓިލޭޓަރު ގަންނަން ދިން ފައިސާ ވެސް ވެންޓިލޭޓަރުތައް ވެސް ލިބިފައިނުވާތީ މިދިޔަ ސަރުކާރުން އެ މައްސަލަ ބޭރުގެ އާބިޓްރޭޝަނަށް ހުށަހެޅި އެވެ. އާބިޓްރޭޝަނުން ނިންމީ އެ ކުންފުނިން ދިވެހި ދައުލަތަށް 1.8 މިލިއަން ޑޮލަރާއި ލިކުއިޑޭޓް ޑެމޭޖުގެ ގޮތުގައި 223،750 ޑޮލަރު ދިނުމަށެވެ. ނަމަވެސް އެ ކުންފުންޏާ ގުޅޭނެ ގޮތެއް ނުވި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ އެ ކުންފުނީގެ ވެރި މީހާއަކީ ކާކުކަން ވެސް ދެނެގަނެވޭނެ ގޮތެއް ނުވި ކަމަށެވެ.

ނާޒިމް ވިދާޅުވީ އެ މީހާ ހޯދިއްޖެނަމަ އެ ފައިސާއިން ކުރި ކަންކަމާއި އެ މައްސަލައާ ގުޅޭ އިތުރު ކަންކަން ސާފުވާނެ ކަމަށެވެ.

ފުލުހުން ބުނީ އެ ރެޑްނޯޓިސް ނެރުމާ މެދު ޕްރޮސިކިއުޓާ ޖެނެރަލާއެކު މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ތަހުގީގު ކުރިއިރު، ހެލްތު މިނިސްޓްރީން އެކަމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައިވާކަން ހާމަވާނެ އެއްވެސް ކަމެއް ނުފެނުނެވެ.

މާލިއްޔަތު ކޮމިޓީން ވަނީ ދުބާއީ ކުންފުންޏާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ފުލުހުންނަށް ހުށަހަޅާފަ އެވެ.