ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ވަރަށް އެދެވޭ ގޮތެއްގައި ކުރިއަށްދާ ކަމަށާއި، މަޖިލިސް ހިނގަމުންދަނީ ދިވެހި ރައްޔިތުންނާއި ސަރުކާރުން ބޭނުންވާ ގޮތަށް ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ފަލާހު މިހެން ވިދާޅުވީ، މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ 20 ވަނަ މަޖްލިސް ހިނގަމުންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ.
ފަލާހު ވިދާޅުވީ، ބައެއް މަސައްކަތްތައް ލަސްވަނީ އެކަންކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، ދިރާސާކުރަން ޖެހޭތީ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ނުބޭއްވުނު ނަމަވެސް، ކޮމިޓީތަކުގެ މަސައްކަތްތައް މެދުނުކެނޑި ކުރި ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބޭއްވުނީ މާރިޗު 19 ގަ އެވެ. ދެން ޖަލްސާއެއް ބޭއްވުނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު އެވެ. މި ހަފުތާގައި ތިން ޖަލްސާ ބޭއްވިފައިވެ އެވެ. މަޖިލީހުގެ ޖަލްސާތައް ވަކި ސަބަބެއް ނެތި ނުބާއްވާތީ މިފަހުން އިދިކޮޅު ޕާޓީގެ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ.