ޕަވާ ބޭންކެއް ގޮވައި، ދ. ކުޑަހުވަދޫގައި މިއަދު ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

އެ ޕަވާ ބޭންކު ގޮވާފައި ވަނީ މެންދުރު ރަށުން ކަރަންޓު ކެނޑުމަށްފަހު އަލުން ކަރަންޓު އައި ވަގުތު، ޕަވަބޭންކު ކަރަންޓަށް ޖަހާފައި އޮއްވައި ގޮވައިގެން ކަމަށް އެ ރަށު މީހަކު ބުންޏެވެ.

އެ މީހާ ބުނިގޮތުގައި މި ހާދިސާގައި އެ ޕަވަބޭންކު ބާއްވާފައި އޮތް ކޮޓަރީގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި އެ ގޭގެ ސިޓިން ރޫމަށް ވެސް ކޮންމެވެސް ވަރަކަށް އަލިފާނުގެ އަސަރު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށް އެ ރަށުން ބުންޏެވެ. އަދި ރޯވި އަލިފާންގަނޑު ވެސް ވަރަށް އަވަހަށް ނިއްވާލި ކަމަށް އެ ރަށުން ވާހަކަދެއްކި މީހާ ބުންޏެވެ.

ފޯނު ފަދަ ތަކެތި ޗާޖުކުރަން ބޭނުންކުރާ ޕަވާބޭންކު ގޮވުމުގެ ހާދިސާތައް ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގާފައި ވީނަމަވެސް މީގެ ކުރިން ރާއްޖޭގައި މިފަދަ ހާދިސާއެއް ހިނގި ކަމެއް އެނގިފައެއް ނުވެ އެވެ. މަތިންދާބޯޓުން ދަތުރުކުރާ ފަސިންޖަރުންނަށް ވެސް ޗެކިން ކުރާ ލަގެޖް ތެރޭގައި ޕަވާބޭންކެއް ބޭއްވުުން އެއާލައިންތަކުން މަނާކޮށްފައިވެ އެވެ.