ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓުތަކުގައި ހުރި ފައިސާތައް ހިފެހެއްޓުމަށް ދިވެހި ރާއްޖޭގެ ސިވިލް ކޯޓުން ރާއްޖޭގެ ބޭންކުތަކަށް އަމުރުކޮށްފި އެވެ.
ސިވިލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޖާހު ޕްރައިވެޓް ލިމިޓެޑުގެ ނަމުގައި އެއްވެސް ބޭންކެއްގައި އެކައުންޓެއް ހުޅުވާފައި ވާނަމަ އެ އެކައުންޓެއްގެ ތަފުސީލާއި އެ އެކައުންޓުތަކުގައި ހުރި ފައިސާގެ އަދަދާއި ފައިސާ ހުރި ނަމަ އެ ފައިސާ ހިފެހެއްޓުމަށް ފަހު ކުރިއަށް އޮތް އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެ ކޯޓަށް އެންގުމަށް އަންގައި އަމުރެއް ނެރެފަ އެވެ.
ކޯޓުން މި އަމުރު ކޮށްފައި ވަނީ ބޭންކް އޮފް ސިލޯން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، ހަބީބް ބޭންކް، މޯލްޑިވްސް އިސްލާމިކް ބޭންކް، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ދަ މޮރިޝަސް ކޮމާޝަލް ބޭންކް، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށެވެ.
ސިވިލް ކޯޓުން މިފަދައިން އަމުރު ނެރެފައިވަނީ ޖާހު އިން 2017 ވަނަ އަހަރު ދަ ގާޑެންސް ގެ ނަމުގައި ތަރައްގީ ކުރަން ފެށި އިމާރާތެއްގެ މަސައްކަތް ނިންމުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދިން މުއްދަތުގައި ވެސް މަސައްކަތް ނިންމާފައި ނުވާ ދަނޑިވަޅެއްގަ އެވެ.
މި އިމާރާތުގައި 28 ސުއިޓާއި 55 ވިލާ ހިމެނޭހެން ޖުމުލަ 83 ލަގްޒަރީ ޔުނިޓު ހުންނައިރު މިއަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެޗްޑީސީން ވަނީ އެއްބަސްވުން ބާތިލު ކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ދޭ ނޯޓިސް ދިނުމަށްފަހު މިދިޔަ މަހު އެ އެއްބަސްވުން ބާތިލުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން އެޗްޑީސީން ބުނީ އެއްބަސްވުން ބާތިލު ކުރުމަށްފަހު އެ ތަނުގެ މަސައްކަތްތައް ނިންމުމުގެ ކަންކަން ރޭވިފައިވާ ގޮތުގެ މައުލޫމާތު އެ ތަނުން އެޕާޓްމެންޓު ގަނެފައި ތިބި މީހުންނަށް ހިއްސާ ކުރަމުންދާނެ ކަމަށާއި އެއްބަސްވުން ބާތިލު ކުރުމުގެ ބޭނުމަކީ އެޕާޓްމެންޓް ގަނެފައި ތިބި މީހުންނަށް އެ ތަންތަން ވީހާ ވެސް އަވަހަކަށް ހަވާލުކުރުން ކަމަށެވެ.