ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބާއްވާގޮތަށް ހަދަން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންވަނީ އެއީ އެމަނިކުފާނަށް ރިޔާސީ ދެވަނަ ދައުރެއް ލިބޭނެ ފަސޭހަ މަގެއްކަން ދެކިގެން ކަމަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެ އެވެ.

"ހުރިހާ"އާ ވާހަކަދެއްކެވި ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ނުބާއްވާގޮތަށް ހަމަޖައްސަން ގާނޫނުއަސާސީ އިސްލާހު ކުރުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަން މަޖިލީހަށް ހުށަހަޅާނެކަން އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދު ކުރެއްވުމަށް މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތް ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

"ރައީސް ވަރަށް ބޮޑަށް ބޭނުންފުޅުވޭ އެ އިސްލާހު ފާސްކުރަން. އެހެންވެ އެމަނިކުފާނު މެންބަރުންގެ ކިބައިން އެދިވަޑައިގަތީ އެކަމުގައި ތާއީދު ކޮށްދެއްވުމަށް،" އެ މެންބަރު ވިދާޅުވި އެވެ.

ގާނޫނުއަސާސީގައި މިހާރު އޮތްގޮތުން ރިޔާސީ އިންތިޚާބުގެ ވޯޓުން 50 ޕަސެންޓަށް ވުރެ އިތުރަށް އެއްވެސް ކެންޑިޑޭޓަކަށް ނުލިބޭނަމަ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަންޖެހެ އެވެ.

އެ މެންބަރު ވިދާޅުވީ ރައީސްގެ ވިސްނުމަކީ ދެވަނަ ބުރު އުވާލައި ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ލިބޭ ބޭފުޅަކަށް އިންތިހާބު ކާމިޔާބުވާ ގޮތް ހަދަން ކަމަށެވެ. އެގޮތަށް ހަމަޖައްސަން ބޭނުންވާ ސަބަބަކީ ސަރުކާރުން ގިނަ ބަޔަކަށް ވަޒީފާދީގެންނާއި ފައިސާ އާއި އެކި އެކި ނުފޫޒުތަކުގެ އެހީގައި ފަސޭހަކަމާއެކު އިންތިހާބު ކާމިޔާބު ކުރެވިދާނެކަން ގަބޫލުކުރެއްވޭތީ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

"ރައީސް ވަކިގޮތަކަށް ނިންމެވީމަ ދެން އަޅުގަނޑުމެން ކީއްތޯ ކުރާނީ. ރުހި ގަބޫލުވުން ނޫން ގޮތެއް ނެތް. އެހެންނޫނީ އަޅުގަނޑުމެންގެ މެންބަރުކަން ގެއްލުވާލައި ސިޔާސީ މައިދާނުން ދުރުކޮށްލާނެ،" އެ މެންބަރު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ރައްޔިތުންނަށް ވިސްނުވައިދޭން އުޅެނީ އެއީ ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާ އިސްލާހީ ފިޔަވަޅެއް ކަމަށެވެ. ނަމަވެސް ކަންއޮތީ އެހެނެއް ނޫނެވެ. އެމަނިކުފާނު ބޭނުންވަނީ ފަސޭހަ މަގަކުން ވެރިކަމުގެ ދެވަނަ ދައުރެކެވެ.

ރައީސް މުއިއްޒު އަންނަނީ ފަހަރަކު މުއައްސަސާއެއް އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެންނަމުންނެވެ. ފުރަތަމަ ކޮންޓްރޯލް ނެގީ މިނިވަން މުއައްސަސާތަކުގެ އެވެ. އެއީ މިނިވަން މުއައްސަސާތަކުގެ ރައީސާއި ނައިބު ރައީސަކީ ސީދާ އެމަނިކުފާނު އައްޔަންކުރާ ބައެއްގެ ގޮތުގައި ހެދުމެވެ.

އެއަށްފަހު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ކޮންޓްރޯލް ނެގުމުގެ މަސައްކަތް ފެށި އެވެ. އެ މަސައްކަތް އަދި މުޅިން ކާމިޔާބު ނުވިނަމަވެސް އެ ކޯޓު މިހާރު ވަނީ ހުއްޓުވާފަ އެވެ.