ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ބޮލީވުޑްގެ ޖޯޑު އަބީޝޭކް ބައްޗަންއާއި އައިޝްވާރްޔާ ރާއީގެ ކައިވެންޏަށް 18 އަހަރު ފުރިއްޖެ އެވެ.
މި މުނާސަބަތު ފާހަގަ ކުރުމުގެ ގޮތުން އައިޝްވާރްޔާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި މިދިޔަ އާދީއްތަ ދުވަހު ހާއްސަ ޕޯސްޓެއް ކޮށްފަ އެވެ.
އެ ޕޯސްޓުގައި އޭނާ ހިމަނާފައިވަނީ އައިޝްވާރްޔާއާއި އަބީޝޭކް އެމީހުންގެ ދަރިފުޅު އާރަދްޔާއާއެކު މިފަހުން ނަގާފައިވާ ސެލްފީ ފޮޓޯ އެކެވެ.
2007 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20 ވަނަ ދުވަހު ކައިވެނިކުރި އަބީޝޭކްއާއި އައިޝްވާރްޔާ ވަނީ ފިލްމީ ބައެއް މަސައްކަތްތަކުގައި ވެސް އެކުގައި ފެނިގެން ގޮސްފަ އެވެ.
އެގޮތުން އެމީހުން ލޯބީގެ ގޮތުން ގުޅިފައިވަނީ 2006 ވަނަ އަހަރު ނެރުނު ފިލްމު "ދޫމް 2"ގެ ޝޫޓިންގެ ތެރެއިން ކަމަށް ހަބަރުތަކުން ބުނެ އެވެ.
އަބީޝޭކްއާއި އައިޝްވާރްޔާގެ ކައިވެންޏަށް 18 އަހަރު ވެފައިވާއިރު އެ ކައިވެންޏާ ބެހޭގޮތުން މީޑިއާގައި ގިނަ ވާހަކަތަކެއް ވެސް ދެކެވެ އެވެ. އެގޮތުން އެ ދެމީހުންގެ ކައިވެނި ރޫޅެން އުޅޭ ކަމަށް ވެސް އެކި ފަހަރު މަތިން އަޑު ފެތުރިފައިވެ އެވެ.