ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އިންވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އިންނެވި ކޮމިޓީއަކުން ހަގީގަތާ ހިލާފު ރިޕޯޓެއް ތައްޔާރުކޮށްފައިވާތީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ސިޓީއަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކަން ދަންނަވައިފި އެވެ.

ޝަމީލް މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ ރައީސް މުއިއްޒަށް އިއްޔެ އެ ސިޓީ ފޮނުވާފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް ބަންދުނުކުރުމަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި ޖޭއެސްސީ އިން ހިންގި ތަހުގީގުގެ ފަހު ރިޕޯޓްގައި ކުރިން ޖަވާބުދާރީވާން ފުރުސަތު ނުދޭ އާ ތުހުމަތުތަކެއް ހިމަނާފައިވާ ކަމަށެވެ.

ޝަމީލް ވިދާޅުވިގޮތުގައި އަޒްމިރަލްދާއަށް ފުރަތަމަ ފޮނުވި ނޯޓިސް އާއި ތަހުގީގުގެ ފުރަތަމަ ރިޕޯޓްގައި ވެސް ތުހުމަތުކޮށްފައި ވަނީ އަޒްމިރަލްދާ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށެވެ. ނަމަވެސް ތަހުގީގުގެ ފަހު ރިޕޯޓްގައި އޮތީ މަހާޒުއާ ބައިވެރިވެގެން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބް މެދުވެރިކޮށް ގާޒީ އިބްރާހީމް ޒިހުނީއަށް ނުފޫޒު ފޯރުވި ކަމަށެވެ.

ތުހުމަތު ބަދަލުކޮށްފައިވާއިރު، އާ ތުހުމަތަށް ޖަވާބުދާރީވާން ފުރުސަތު ވެސް ދީފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މައްސަލައިގެ ހެއްކެއްގެ ގޮތުގައި ހާޒިރުކޮށް ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހީމް ޒިހުނީއާ ސުވާލު ކުރުމުން ވެސް ވިދާޅުވީ އެއްވެސް އެ މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.

އެ މައްސަލާގައި ޖަވާބުދާރީވަމުން ވެސް އަޒްމިރަލްދާ ވަނީ ކްރިމިނަލް ކޯޓުގެ އެއްވެސް ގާޒީއަކަށް އޭނާ ނުފޫޒުފޯރުވާފައިނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން މި މައްސަލައިގެ ޒައްރެއްގެ މިންވަރުގެ ހެއްކެއް ވެސް އަދި ގަރީނާއެއް ވެސް ނެތްކަން ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކަށް ވެސް ސާފުވާނެ އެވެ.

އަޒްމިރަލްދާ ނުފޫޒުފޯރުވަން މަސައްކަތް ކުރި ކަމަށް ކުއްލި ގޮތަކަށް ތުހުމަތު ކުރަންޖެހުނު ސަބަބެއް ވެސް ނޭނގުނެވެ.

އެއްވެސް ހެއްކެއްތި މި މައްސަލާގައި އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންގެވުމަށް ޖޭއެސްސީގައި އިންނަވާ ރައީސުލްޖުމްހޫރިއްޔާގެ މެންބަރު ޔަޒްމީދު މުހައްމަދު އިސްވެ ހުންނަވައިގެންނެވެ.

މި މައްސަލަ ބަލާ ތަހުގީގު ކޮމިޓީގައި ރައީސް މުއިއްޒުގެ މެންބަރު ޔަޒްމީދުގެ އިތުރުން ދެން ތިއްބަވަނީ ޔަޒްމީދުގެ ރަށް ކަމަށްވާ ގއ. ވިލިނގިއްޔަށް ނިސްބަތްވާ އަލީ އަބްދުއްލަތީފާއި ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހެވެ. ޔަޒްމީދު ވަނީ އެ ދެ ބޭފުޅުން ވެސް ކޮންޓްރޯލްކޮށްފަ އެވެ.

އަޒްމިރަލްދާ އާއި މަހާޒު ފަނޑިޔާރުކަމުން ވަކިކުރަން ވޯޓް ދިނުމަށް ސިވިލްސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހުއަށް ވެސް ވަނީ ބިރުދައްކާފަ އެވެ. ދެއްކި ބިރަކީ އެގޮތަށް ވޯޓު ނުދެއްވައިފިނަމަ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރާނެ ކަމުގެ ބިރެވެ.

ރާއްޖޭގެ ހުރިހާ މިނިވަން މުއައްސަސާތަކެއް ރައީސް މުއިއްޒުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށްފަހު މިހާރު އެމަނިކުފާނު އެ އުޅުއްވަނީ މުޅި ޝަރުއީ ދާއިރާ އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެނައުމަށެވެ. އެއަށްފަހު ފަސޭހައިން ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމަށް ރިޔާސީ އިންތިޚާބުގެ ވޯޓް ލުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އެމަނިކުފާނު މިހާރު ވަނީ ފައްޓަވާފަ އެވެ.