މުޅި ދުނިޔޭގެ ފަރުތަކުގެ 84 ޕަސެންޓް މުރަކަތައް ހުދުވެފައިވާ ކަމަށް އިންޓަނޭޝަނަލް ކޮރަލް ރީފް އިނީޝިއޭޓިވްއިން ހާމަކޮށްފި އެވެ.

މިދިޔަ ބުދަ ދުވަހު އެ އިދާރާއިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ ދުނިޔޭގެ ތާރީހުގައި ވެސް މުރަކަތަކުގެ ގާ ހުދުނުވާ މިންވަރަށް މިހާރު ހުދުވެފައިވާ ކަމަށެވެ. މިއީ 1998 ވަނަ އަހަރުން ފެށިގެން މިހާތަނަށް ހިނގާފައިވާ ހަތަރުވަަނަ "ކޮރަލް ބްލީޗިން އިވެންޓް" ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެ ކުރިން ފަރުތައް އެންމެ ބޮޑަށް ހުދުވި އިވެންޓް ކުރިއަށް ދިޔައީ 2014 ވަނަ އަހަރުން ފެށިގެން 2017 އާ ހަމައަށެވެ. އެ ފަހަރު އެކަމުގެ އަސަރު ދުނިޔޭގެ ފަރުތަކުގެ ތިންބައިކުޅަ ދެބަޔަށް ކުރި އެވެ.

އެއާއެކު މިހާރު ކުރިއަށްދާ ގާ ހުދުވުމުގެ ސިލްސިލާ ފެށިފައިވަނީ 2023 ވަނަ އަަހަރު ކަމަށާއި އެ ސިލްސިލާ ނިމޭނެ އިރެއް ނޭނގޭ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ.

ފަރުތަކުގެ މުރަކަތައް ހުދުވުމަކީ ދުނިޔެ ހޫނުވުމުގެ ސަބަބުންނާއި މޫސުމަށް އަންނަ އެހެނިހެން ބަދަލުތަކުގެ ސަބަބުން ވާ ކުރިމަތިވާ ކަމެކެވެ.

މިދިޔަ އަހަރަކީ ދުނިޔެއަށް އެންމެ ހޫނު އަހަރު ކަމުގައި ތަފާސް ހިސާބުތަކުން ދައްކާއިރު އެކަމުގެ ސަބަބުން ފަރުތަކަށް ވެސް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފަ އެވެ.

ކަނޑުފަޅުގެ ދިރުންތަކާއި ފަރުތަކުގެ ރީތިކަމަކީ ދިވެހި ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާ ސީދާގޮތުން ގުޅިފައިވާ ކަމަކަށް ވާއިރު މިފަދަ ގެއްލުންތަކަކީީ ދިގު މުއްދަތުގައި ރާއްޖޭގެ އިގްތިސާދަށް ވެސް ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.

ފަރުތައް ހުދުވުން ހުއްޓުވުމަށްޓަކައި ސަރުކާރުތަކާއި އަމިއްލަ ފަރުދުން ވެސް ޒިންމާ އަދާކުރަން ޖެހޭ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.