ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އިންޑިއާގެ އެއާލައިންތަކަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފި އެވެ.

މިހަމަލާގައި 26 މީހުން މަރުވެފައިވާއިރު މި ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ ތިން މީހެއްގެ ނަން އިންޑިއާގެ ފުލުހުން ވަނީ ހާމަކޮށްފަ އެވެ. މީގެ ތެރެއިން ދެ މީހުން ނިސްބަތްވަނީ ޕާކިސްތާނަށެވެ.

މިއާއެކު ދެގައުމުގެ ގުޅުން ގޯސްވެފައިވާއިރު ޕާކިސްތާނުން ބުނީ އިންޑިއާއިން އޮޕަރޭޓް ކުރާ އެއާލައިންތަކާއި އެހެން ގައުމުތައް މެދުވެރިކޮށް އިންޑިއާއިން އެގައުމާއެކު ކުރާ ވިޔަފާރިތަކާއި ޕާކިސްތާނުން ދޭ ދެކުނު އޭޝިއާގެ ހާއްސަ ވިސާ އިންޑިއާގެ ރައްޔިތުންނަށް ދިނުން ހުއްޓާލުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުންވެސް އިންޑިއާ އާއި އެކު އެގައުމުން ހަދާފައިވާ 1972 ސިމްލާ އެއްބަސްވުމަށް އަމަލުކުރުން މަޑުޖައްސާލުމަށް ވެސް އެގައުމުން ވަނީ ނިންމާފަ އެވެ. މި އެއްބަސްވުމަކީ ކަޝްމީރު ސަރަހައްދުގައި ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ދެގައުމުން ވެސް އިހުތިރާމްކުރުމަށް ނިންމާ ހަދާފައިވާ އެއްބަސްވުމެކެވެ.

އިންޑިއާގެ އެއާލައިންތަކަށް ޕާކިސްތާނުގެ މި ނިންމުމުގެ ސަބަބުން މަހެއްގެ މައްޗަށް 500 މިލިއަން ޑޮލަރުގެ ގެއްލުމެއް ވާނެ ކަމަށް ބެލެވެ އެވެ.

މީގެ ކުރިން 2019 ވަނަ އަހަރު ހިނގި ޕުލްވަމާ އެޓޭކް ގެ ސަބަބުން ވެސް ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކުރިއިރު އެ ފަހަރު އިންޑިއާގެ އެއާލައިންތައް އޮޕަރޭޓްކުރުމަށް 81 މިލިއަނަށް ވުރެ ގިނަ ޑޮލަރު އިތުރަށް ހަރަދުކުރުމަށް މަޖުބޫރުވި އެވެ.