ޔޫކްރެއިން އާއި ރަޝިއާ ހަނގުރާމަ ހުއްޓާލަން ރަޝިއާގެ ރައީސް ވްލަޑިމީރް ޕުޓިން ބޭނުންނުވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތުހުމަތު ކުރައްވައިފި އެވެ.

ޓްރަމްޕް މިހެން ވިދާޅުވީ ޕޯޕް ފްރާންސިސް ގެ ޖަނާޒާ ވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅުގައި ޔޫކްރެއިން ގެ ރައީސް، ވޮލޮޑިމިރް ޒެލެންސްކީއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.

އެމެރިކާގެ އޯވަލް ހައުސް ގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރި ބައްދަލުވުމަށް ފަހު ޕޯޕް ފްރާންސިސް ގެ ޖަނާޒާއަށް ރޯމްއަށް ކުރެއްވި ދަތުރުފުޅުގައި ޒެލެންސްކީ އާއި ޓްރަމްޕް 15 މިނިޓަށް ބައްދަލުކުރިއިރު، އެމެރިކާގެ ވައިޓް ހައުސް އިން ސިފަ ކުރި ގޮތުގައި މިއީ ވަރަށް ބިނާކުރަނިވި ބައްދަލުވުމެކެވެ.

މިގޮތުން މިދިޔަ ހަފްތާގައި ޔޫކްރެއިންގެ ކީވް އަށް އަމާޒުކޮށް ދިން ހަމަލާއަށް އިޝާރާތްކުރައްވައި ޓްރަމްޕްގެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެފަދައިން އާއްމުން އުޅޭ ސަރަހައްދަކަށް ޕުޓިން ހަމަލާ ދޭ ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޕުޓިން މި ހަނގުރާމަ ހުއްޓާލަން ބޭނުންނުވާ ފަދައިން ވިސްނޭ ކަމަށާ މިކަމާ މެދު ތަފާތުގޮތަކަށް އަމަލުކުރައްވަން ޖެހޭ ކަމަށް ޓްރަމްޕް ވަނީ ބުނެފަ އެވެ.