ސ. ހިތަދޫގައި މިދިޔަ ހަފުތާގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީއިން ބޭއްވި ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމުން ވެމްކޯގެ ހިތަދޫ ބްރާންޗްގެ މެނޭޖަރަކަށް ހުރި މޫސާ މުހައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.

އަޒާން އެކްސްގައި ހިއްސާކުރެއްވި މުވައްޒަފުގެ ވަޒީފާއިން ވަކިކުރިކަން އަންގައިދޭ ލިޔުމުގައި ދައްކާގޮތުގައި، ވެމްކޯގެ ހިތަދޫ ބްރާންޗްގެ މެނޭޖަރު މޫސާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ "ސޯޝަލް މީޑިއާގަ އަދި ރަށުތެރޭގައި ސަރުކާރާއި ކުންފުނީގެ އަގު ވެއްޓޭގޮތަށް ވާހަކަ ދައްކާކަމަށް ބުނެ އެވެ.

މިކަން ފާހަގަކުރައްވައި ވަޒީފާގެ ޤާނޫނުން މިގޮތަށް މުވައްޒަފުން ވަޒީފާއިން ވަކިކުރުން ތަން ނުދޭ،ކަމަށް މެމްބަރު އަޒާން ވިދާޅުވި އެވެ. މި މައްސަލައާ ގުޅިގެން އަޒާން ވަނީ ޤާނޫނާއި ހިލާފަށް މުވައްޒަފުންނާ ދޭތެރޭ މިފަދައިން ފިޔަވަޅު ނޭޅުމަށް ވެމްކޯގެ އެމްޑީ ކަމަށްވާ މުޖުތަބާ ޖަލީލަށް އިލްތިމާސްކުރައްވާފަ އެވެ.

ހިތަދޫގައި އެމްޑީޕީން ބޭއްވި ޖަލްސާގައި ކީރިތި ގުރުއާން ކިޔެވުމާ ގުޅިގެން ވެމްކޯގެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވާތީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.