ސިކުނޑިއަކީ މީހާގެ ހަށިގަނޑުގައި އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ގުނަވަނެވެ. އާންމު ގޮތެއްގައި ހަށިގަނޑުގެ ބަރުދަނުގެ ދެ އިންސައްތަ އަށްވުރެ ކުޑަ މިންވަރެއް ހިއްސާކުރާ ސިކުނޑިން، ހަށިގަނޑުގެ މުޅި ހަކަތައިގެ 20 އިންސައްތަ އިން 25 އިންސައްތައަށް ވުރެ ގިނައިން ބޭނުންކުރެ އެވެ.

މިއީ އާންމު އަންހެނެއްގެ ހަށިގަނޑުން ދުވާލަކު 350 ކެލަރީ އަދި ފިރިހެނެއްގެ ހަށިގަނޑުން 450 ކެލަރީ ކަމުގައި ލަފާކުރެވެ އެވެ.

ކުޑަކުދިންގެ ސިކުނޑިން މީގެ އިތުރަށްވެސް ހަކަތަ ބޭނުންކުރެ އެވެ. ޑިއުކް ޔުނިވާސިޓީގެ ޕްރޮފެސާ ޑަގް ބޯޔާ ވިދާޅުވާ ގޮތުގައި، 5 އަހަރާއި 6 އަހަރާ ދެމެދުގެ ކުއްޖެއްގެ ސިކުނޑިން ހަށިގަނޑުގެ މުޅި ހަކަތައިގެ 60 އިންސައްތަ އަށްވުރެ ގިނައިން ބޭނުންކުރެ އެވެ.

ވިސްނުމުގެ ސަބަބުން ސިކުނޑިން އިތުރަށް ހަކަތަ ބޭނުންކުރާކަން ދައްކުވައިދޭ ހެކި ވަރަށް މަދެވެ. އެހެންނަމަވެސް، ޗެސް ކުޅުންތެރިންގެ މެދުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، ޗެސްގެ މުބާރާތްތަކުގައި ބައިވެރިވާ ކުޅުންތެރިން ދުވާލަކު 6،000 ކެލަރީއާ ހަމައަށް އަންދާލަ އެވެ. މިއީ އެއްވެސް ޖިސްމާނީ ހަރަކާތެއް ނުކޮށް، ހަމައެކަނި ވިސްނުމުގެ ސަބަބުން އަންދާލެވޭ މިންވަރެކެވެ.

1984 ވަނަ އަހަރު ބޭއްވުނު ވާލްޑް ޗެސް ޗެމްޕިއަންޝިޕްގައި، ރަޝިއާގެ ކުޅުންތެރިއެއް ކަމުގައިވާ އެނަޓޮލީ ކާރްޕޯވް، 5 މަސްދުވަހުގެ ތެރޭގައި 10 ކިލޯގެ ބަރުދަން ގެއްލުނު ކަމަށް ރިޕޯޓު ކުރެވުނެވެ. މިއީ ހަމައެކަނި ވިސްނުމުގެ ސަބަބުން ކަމަށް ހާމަވި އެވެ.

ސިކުނޑިއަކީ ހަށިގަނޑުގެ އެހެން ގުނަވަންތަކާ އަޅާބަލާއިރު، އެންމެ ގިނައިން ހަކަތަ ބޭނުންކުރާ ގުނަވަނެވެ. އަދި ވިސްނުމުގެ ސަބަބުން އިތުރު ހަކަތަ ބޭނުންކުރެވޭކަން ދައްކުވައިދޭ ހެކިތައް ހުރިކަމުގައި ވިޔަސް، އާންމު މީހުންނަށް މިކަމުގެ ސަބަބުން ބަރުދަން ގެއްލޭނެކަމަށް ބެލެވޭ ހެއްކެއް ނެތެވެ.