ސިންގަޕޫރުގައި ވެރިކަން ކުރާ ޕާޓީ، ޕީޕަލް އެކްޝަން ޕާޓީ (ޕީއޭޕީ) އިން އެގައުމުގެ އިންތިހާބުގައި 65 ޕަސެންޓަށް ވުރެ މަތިން ކާމިޔާބުކޮށް އިތުރު ދައުރެއް ކަށަވަރުކޮށްފި އެވެ.
މީގެ ކުރިން، 2020 ވަނަ އަހަރުގެ ބޭއްވި އިންތިހާބުގައި 61 ޕަސެންޓް ހޯދި ޕީއޭޕީ އިން މިފަހަރު ވަނީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 97 ގޮނޑީގެ ތެރެއިން 87 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. ބާކީ އިން 10 ގޮނޑި ހޯދާފައި ވަނީ އިދިކޮޅު، ވޯކާސް ޕާޓީ އަށެވެ.
މި ނަތީޖާ އާ އެކު 2022 އިން 2024 އަށް އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބުކަމުގައި ހުންނެވި ލޯރެންސް ވޮންގް މި ވަނީ ބޮޑުވަޒީރުކަމަށް ހޮވި ވަޑައިގެންފަ އެވެ.
މި ކާމިޔާބީ އާއި ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވޮންގް ވިދާޅުވީ މި ނަތީޖާއިން ސިންގަޕޫރުގެ ރައްޔިތުން ކުރާ އިތުބާރު ހާމަވެއްޖެ ކަމަށާއި ކެބިނެޓު އެކުލަވާލެވުނުހާ އަވަހަށް އެކަން އިއުލާނު ކުރައްވާނެ ކަމަށެވެ.