ބައިނަލްއަގުވާމީ ގޮތުންވެސް ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އަހުމަދު އަވަދު ބިން މުބާރަކް އިސްތިއުފާ ދެއްވައިފ އެވެ.

ބޭރުގެ މަސްދަރުތަކުން ރިޕޯޓް ކުރާ ގޮތުގައި މި މަގާމުން މުބާރަކް އިސްތިއުފާ ދެއްވާފައިމިވަނީ ޔަމަނުގެ ޕްރެޒިޑެންޝަލް ކައުންސިލުގެ އިސް ފަރާތް، ރަޝާދު އަލް އަލިމީ އާއި ދެބޭފުޅުން ހިޔާލު ތަފާތުވުމަށްފަހު އެވެ. މިގޮތުން އެގައުމުގެ ސަރުކާރުގެ 12 މިނިސްޓަރަކު ވަކިކުރުމަށް މުބާރަކް އެދުމުން އަލް އަލިމީ ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.

2024 އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ބޮޑުވަޒީރުކަން ކުރައްވަމުން އައި މުބާރަކް އިސްތިއުފާ ދެއްވުމާ އެކު އެގަައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ މިހާރު ފައިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި ސާލިމް ސަލާހް ބިން ބުރައިކު އެވެ.

މުބާރަކް މަގާމުން އިސްތިއުފާ ދެއްވާފައި މިވަނީ ޔަމަނުގެ ހޫތީންނާ ދެކޮޅަށް އެމެރިކާއިން ދެމުންގެންދާ ވައިގެ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

މިއީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެގައުމުގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މެދުއިރުމަތީގައި އެގައުމުގެ އަސްކަރިއްޔާއިން ކުރިއަށް ގެންދާ އެންމެ ބޮޑު އޮޕަރޭޝަނެވެ.