ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަކީ ހިންގި ޖަރީމާއެއް ކަމަށާއި އެކަން ކުރި މީހުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމިޓީން ނިންމުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ދީދީ ވިދާޅުވީ މަޖިލީހުގެ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނަށް ގެނައި އިސްލާހުގެ މައްސަލަ ހުށަހެޅުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަން ނިންމުމަކީ އިއްތިފާގެއް ނޫން ކަމަށެވެ.

މިއީ ގާނޫނު އަސާސީގެ 41 ވަނަ މާއްދާއާ ހިލާފަށް ކުރާ ކަމެއްކަން ފާހަގަކޮށް ޑރ. ދީދީ ވިދާޅުވީ އެޖަރީމާގެ އެންމެހައި ބައިވެރިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭނެ ކަމަށާއި ޖިނާއީ މަސްއޫލިއްޔަތު ވެސް އުފުލަން ޖެހޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އަޒްމިރާލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަކި ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ކޮމިޓީއަކުން ނިންމި ނިންމުމާއެކު މަޖިލީހަށް ފޮނުވިއިރު މަޖިލީހުން ވަނީ އެ މައްސަލަ މިއަދު އެޖެންޑާކޮށްފަ އެވެ.

މި ދެ ފަނޑިޔާރުގެ އިތުރުން ފަނޑިޔާރު ހުސްނުއް ސުއޫދުގެ މައްސަލަ ވެސް ބެލުމަށް ޖުޑީޝަލް ކޮމިޝަނުން ނިންމި ނަމަވެސް މައްސަލަ ބަލަން ފެށުމާއެކު ހުސްނުއްސުއޫދު ވަނީ ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަނައިބު އަހުމަދު އުޝާމް ފަނޑިޔާރުންނަށް ބިރު ދައްކަވާކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވާފަ އެވެ.

މިކަމާ ގުޅިގެން އެތައް ބައެއް ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު މީގެ ތެރޭގައި ބޭރުގެ ޖަމިއްޔާތައް ކަމަށްވާ އދ. އާއި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައެއް ޖަމިއްޔާތައް ވެސް ހިމެނެ އެވެ.