ވ.ކެޔޮދޫ ސްކޫލުގެ 4 ބުރީގެ އިމާރާތުގެ މަސައްކަތް ހުއްޓިފައިވަނީ ބަޖެޓުގައި ހިމަނާފައި ނެތުމުން ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލަށް މިނިސްޓަރު ޝަފީއު ވަނީ ޖަވާބު ދެއްވާފަ އެވެ.

މިގޮތުން ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ވަނީ 2024 ވަނަ އަހަރު ފާސްކުރި ދައުލަތުގެ ބަޖެޓްގައި ވ. ކެޔޮދޫ ސްކޫލްގެ 4 ބުރީގެ އިމާރާތާއި ވަށާފާރު ރޭނުމަށް ހިމަނަފައިވީނަމަވެސް މަޝްރޫއުގެ މަސައްކަތް ނުފެނެށީ ކީތްވެތޯއާއި މަޝްރޫގެ އަމަލީ މަސައްކަތް ފެށޭނީ ކޮންއިރަކުތޯ ސުވާލުކުރައްވާފަ އެވެ.

މެންބަރުގެ މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ ކެޔޮދޫ ސްކޫލުގައި 4 ބުރީގެ އިމާރާތެއް އެޅުމަށް 2023 ގެ ބަޖެޓުގައި 2.10 މިލިއަން ރުފިޔާ އަދި 2024 ވަނަ އަހަރު 2.019 މިލިޔަން ރުފިޔާ ހިމެނި ނަމަވެސް މި މަޝްރޫއަށް ޖުމްލަ 20 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހޭދަވާނެ ކަމަށެވެ.

2023 ވަނަ އަހަރުގައި މި ޕްރޮޖެކްޓް ފޯމިއުލޭޓްވީއިރުވެސް ބަޖެޓްގައި ހިމަނުއްވާފައި އޭރުވަނީ ޕްރޮޖެކްޓަށް ބޭނުންވާ 15 އިންސައްތަ ފައިސާ ނުހިމަނާކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ މިގޮތަށް 15 އިންސައްތަ ނުހިމެނިވާ އެއްވެސް ޕްރޮޖެކްޓެއް މިދިޔަ އަހަރު ނުފައްޓާ ކަމަށެވެ.

"އަޅުގަނޑުމެން ނިންމީ ވަރަށް ގިނަ އަދަދެއްގެ ޕްރޮޖެކްޓްސްތައް ފެށިފައިވުމާއެކު ނަމެއްގައި ޕްރޮޖެކްޓްތައް ނުފައްޓަން. މިގޮތަށް %15 ނުހިމެނިވާ އެއްވެސް ޕްރޮޖެކްޓެއް މިދިޔަ އަހަރު އަޅުގަނޑުމެން ނުފައްޓަން ހަގީގަތުގައި. އެގޮތުގެ މަތިން ޕްރޮޖެކްޓް ހުއްޓިފައިވަނީ. ސަބަބަކީ ކުރިން މިދެންނެވި %15 ވާ ފައިސާ ބަޖެޓްގައި ހިމެނިފައި ނެތުން،" މިނިސްޓަރު ޝަފީއު ވިދާޅުވި އެވެ.

އެހެންނަމަވެސް މިފަދައިން ހުއްޓިފައިވާ ޕްރޮޖެކްޓުތަކާއި އެކި ރަށްރަށުގައި ފެއްޓުމަށް ރާވާފައިވާ ޕްރޮޖެކްޓް ތަކުގެ ތެރޭގައި ކެޔޮދޫ ސްކޫލުގެ ޕްރޮޖެކްޓްވެސް މިހާރު ހިމެނިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.