ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ވަކިކުރީ ހިޔާލީ ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ގާނޫނީ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވެއްޖެ އެވެ.
އަޒްމިރަލްދާ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމުމާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީލް ވިދާޅުވީ އަޒްމިރަލްދާގެ މައްސަލަ އަކީ އުފައްދާފައިވާ މައްސަލައެއް ކަމަށެވެ.
އަޒްމިރަލްދާގެ ފަރާތުން ދިފާއުގައި ހުށަހެޅި ހެކިތަކުގައި ހުރި ކަންކަން ޖޭއެސްސީން އޮޅުވާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހަގީގަތާ ހިލާފު ކަންތައްތަކެއް ހިމަނައި ޖޭއެސްސީގެ ރިޕޯޓް ނެރެފައި ވަނީ ވަކި ނަތީޖާއެއް ހާސިލުކުރަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސާފު ހެކިތަކުން ފެންނަން އޮތް ކަމެއްގައި ޖުޑީޝަލް ސާވިސް ކޮމިޝަނުން ހަގީގަތް އެއްފަރާތް ކުރައްވާފައި، ކަނޑައެޅިގެން ގާނޫނު އެއް ފަރާތް ކުރައްވާފައި އިންތިހާއަށް ބޭ އިންސާފު ނިންމުމެއް ނިންމީ. އަޅުގަނޑުމެންނަށް ގަބޫލެއް ނުކުރެވޭ މި މައްސަލާގައި ފަނޑިޔާރުގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރައްވަންޖެހޭ އަސާސެއް އޮތް ކަމަކަށް. އެހެން ނަމަވެސް ކޮމިޝަނުން ކަންކަން ނިންމުމުގައި ރިއާޔަތް ކޮށްފައި ހުރީ ބުއްދީގެ ހަމައަށް ވުރެ ބޮޑަށް ހިޔާލީ ފޮލާއަކަށް،" ޝަމީލް ވިދާޅުވި އެވެ.
ޝަމީލް ވިދާޅުވީ މަހާޒާއި އަޒްމިރަލްދާ ވާހަކަދެއްކީ ޑރ. އިސްމާއީލް ލަތީފް ބަންދުން ދޫކޮށްލިފަހުން ކަމަށެވެ. އަދި އެކަން އެނގޭނެ ހެކިތައް ޖޭއެސްސީއަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީއަކަށް މަހާޒު ގުޅުއްވުމުގެ ކުރިން، ފިރިކަލުން ބަންދުން ދޫކޮށްލިކަން އަޒްމިރަލްދާއަށް އެނގިވަޑައިގެންފައިވާއިރު، ނުފޫޒެއް ފޯރުވަންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.