ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ އޮފީހުގައި ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު މާޒް އަހުމަދު ސަލީމް ހުށަހެޅުއްވި މި މައްސަލާގައި ވިދާޅުވީ ޑީއެންއާރުގެ އޮފީސް ތެރޭގައި ޕީއެންސީއަށް މެންބަރުން އިތުރުކުރަން ފޯމު ފުރިކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާން އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.
ޑީއެންއާރު ތެރޭގައި ފުރި ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައި ވަނީ ހޯމް މިނިސްޓްރީގެ ސިޔާސީ މުވައްޒަފުން ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިކަމަށް މި މައްސަލާގައި ވެއެވެ.
މިއާއެކު މާޒް ސަލީމް ބުނީ މިނިސްޓަރު އިހުސާން އިސްވެ ހުންނަވައި، ޑީއެންއާރުގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީ އަށް މެންބަރުން ވެއްދި ކަމަށާ މަގާމުގެ ނާޖާއީޒު ފައިދާ ނަގައިގެން އެންޓި ކޮރަޕްޝަންގެ ގާނޫނާ ހިލާފަށް ދައުލަތުގެ ތަކެއްޗާއި، ވަސީލަތްތަކާއި، މީހުންގެ ޒާތީ މައުލޫމާތާ ދައުލަތުގެ އިމާރާތެއް ބޭނުންކޮށްގެން, ފޯމުތައް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
މިއާއެކު އީސީން އެ ފޯމުތައް ބަލައިގަނެ، ފޯމުތަކުގައިވާ މީހުން ޕީއެންސީގެ މެމްބަރުންގެ ދަފުތަރުގައި ރެޖިސްޓުރީކޮށްދީފައި ކަން ފާހަގަކޮށް މާޒު ސަލީމް ވަނީ އެ އަމަލަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށްވާތީ، އޭސީސީން އެ މައްސަލަ ޖިނާއީ މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ދިނުމަށް އެދިފަ އެވެ.
މީގެ ކުރިން މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން މަދުވެގެން 500 ފޯމު ހޯދުމުގެ ޒިންމާ އާ ހަވާލުވެ، މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި އެ މިނިސްޓްރީގެ 50 އެއްހާ ސިޔާސީ މުވައްޒަފުންނާ ހަވާލުކުރި ކަމަށެވެ.
މިގޮތުން ކޮންމެ މުވައްޒަފަކު މަދުވެގެން 10-15 ފޯމު އާއިލާއާއި ރަހުމަތްތެރިންގެ ތެރެއިން ހޯދުމަށް އެދިވަޑައިގެންނެވި ކަމަށް މިނިސްޓަރި އިހުސާން ވަނީ އިއުތިރާފްވެވަޑައިގެންފަ އެވެ.